ވިޔަފާރި ބަނދަރުން ކްލިއާ ކުރުން ލަސްވާ މުދާ ބަހައްޓާނެ ސްޓޯރޭޖެއް މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) އިން ގާއިމު ކޮށްފިއެވެ.
މިފަދަ ސްޓޯރޭޖެއް ހެދުމަށް އެމްޕީއެލްއިން ނިންމީ ކުދި ވިޔަފާރިތަކުގެ އެދުމުގެ މަތިން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ބައެއް ކުދި ވިޔަފާރިތަކުން، ދެތިން ވިޔަފާރީގެ މުދާ އެއްކޮށް އެއް ކޮންޓޭނަރެއްގައި އެތެރެކުރާ ކަމަށެވެ. އަދި އެތަނުން ވަކި މުދަލެއް ކްލިއަރ ކުރުން ލަސްވި ނަމަވެސް އެ ކޮންޓެއިނަރއަށް ދައްކަން ޖެހޭ ފީ ބޮޑުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް މިއަދު މި ހުޅުވުނު އާ ސްޓޯރޭޖާއެކު ކޮންޓެއިނާއިން މުދާ ހުސްކުރުމަށް އަވަސްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކޮންޓެއިނަރަށް ދައްކަން ޖެހޭ ފީ ދެއްކުން ނިމުމަނަށް އަންނާނެ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
މި ސްޓޯރޭޖަކި، މިހާރަށް އެއްފަހަރާ 16 ކޮންޓޭނަރުގެ މުދާ ޖެހޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ނަމަވެސް ޑިމާންޑަށް ބަލައި، ކުރިއަށް އޮތް ތަނުގައި ސްޓޯރޭޖްގެ ޖާގަ އިތުރު ކުރުންވެސް އެކަށީގެންވާ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
މި ސްޓޯރޭޖްގައި ޖަހާނީ ކްލިއަރ ނުކޮށް 10 ދުވަހަށްވުރެ ގިނަވާ މުދަލެވެ. އަދި އެހިސާބުން އެރެކަށް ސްޓޯރޭޖް ޗާޖް ކުރަން ފަށާނެއެވެ.
އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދު ވިދާޅުވީ، އެމްޕީއެލް ސްޓޯރޭޖްގައި ސީބީއެމްއަކަށް ނަގަނީ ދުވާލަކަށް 26 ރުފިޔާ ކަމަށެވެ. އަދި ކޮންޓެއިނަރ އަކަށް، ދުވާލަކަށް 35 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ތޮލްހަތު ވިދާޅުވިއެވެ.
"ދެތިން ދުވަހު މުދާ ކްލިއަރ ނުވެއްޖެ ނަމަ 150 ޑޮލަރަށްވުރެ ބޮޑު އެއްޗެއް ދައްކަން ޖެހޭނެ. ނަމަވެސް އެމްޕީއެލްގެ ސްޓޯރޭޖް ފެސިލިޓީގައި ހުންނަ ނަމަ އެއީ 300 ވަރަކަށް ރުފިޔާ" ތޮލްހަތު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް