ނަޝީދުގެ ވާހަކަފުޅުން "ހަތަރު ގަނޑު ފޮޓޯ" ހަގީގަތާއި މެދު ކަމާއިމެދު ސުވާލު އުފެދިއްޖެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާއި އެކު ޒިނޭ ކުރާ މަންޒަރު ފެންނަ "ހަތަރު ގަނޑު ފޮޓޯ" ލިބިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ސަ...

15 Aug 2022 | 14:38

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާއި އެކު ޒިނޭ ކުރާ މަންޒަރު ފެންނަ "ހަތަރު ގަނޑު ފޮޓޯ" ލިބިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދިއްޖެ އެވެ.

އެ ހަތަރު ފޮޓޯ ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވީ މިދިޔަ މަހުގެ29 ވަނަ ދުވަހު އެވެ. ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ހައްޔަރު ކުރުމުން ކޯފާ އިސްކުރައްވާ ދެއްކެވި އެ ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ފޮޓޯއަކަށް ބަލައިގެން މައްސަލަ ބަލާނަމަ ރައީސް ސޯލިހާއި ގުޅޭ އެ ހަތަރު ގަނޑު ފޮޓޯވެސް ފުލުހުންނަށް ފޮނުއްވިދާނެ ކަމަށެވެ.

އޭގެ ފަހުން އެކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން އެމަނިކުފާނުވަނީ އެ ވާހަކަ ދައްކަން ދެކޮޅު ހަދައި، އެ ތުހުމަތުން ރެކިވަޑައިގެން، މައުލޫ މުޅިން ބަދަލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ހަތަރު ގަނޑު ފޮޓޯ އާއި ގުޅޭ ވާހަކަ ދައްކަވަން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ވާހަކަފުޅަކީ ރާވައިގެން ބަރަހަނާ ފޮޓޯ އުފައްދައި އެ ތަކެތި ބޭނުންކޮށް، އެތައް ބައެއްގެ އަތުން ފައިސާ ނަގަމުންދާ މައްސަލަ އާއި ގުޅުވައިގެން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އަދި އެވާހަކަ ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޝްވަރާ ގުނަވަނެއްގެ ތެރޭގައި ކަމަށާއި އެ ވާހަކަފުޅުތަކުގެ ބަސްތައް ގުޅެނީ އެ ވަގުތު ހިނގަމުން ދިޔަ އެފަދަ ކަމަކާއި ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ މައްސަލައިގަ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކާ ވެސް އެ ބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް އެއާ މެދު އަމަލުކުރަން ޖެހޭނެ ކަން ކަމަށެވެ. އަދި އެއީ ރައިސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ވިދާޅުވެ، ބައެއް މީހުން ދައުރު ކުރި އެއްޗަކަށް ވިޔަސް ނުވަތަ އެމަނިކުފާނާއި ގުޅޭ ގޮތުން ބަޔަކު މީހުން ދައުރު ކުރަމުން ދިޔަ އެއްޗެއް ކަމުގައި ވިޔަސް ތަހުގީގު ހިނގަން ޖެހޭނީ އެއްވަރަކަށް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތައް ނުހުއްޓުމުން އެންމެ ފަހުން ނަޝީދު ވަނީ އެ މައުލޫގައި މިއަދަކު ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ މި ތުހުމަތުތައް ރައީސް ސޯލިހު ވަނީ ދޮގު ކުރައްވާފަ އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގަ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރުކޮށް ތަހުގީގު ނިންމައި މިހާރު ވަނީ ދައުވާ އުފުލާފައި އެވެ. އޭނާ މިހާރު ބަންދުން ދޫކޮށްލާފައިވާއިރު ނާޒިމް އެއްޖިންސުން ގުޅުން ހިންގީ ބަންގްލަދޭޝްގެ އަލަމްގީރާއި އެކު ކަމަށް ބުނެ ވީޑިއޯއެއް ދައުރުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް