ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ) ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަށް ބެލެވޭތީ، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
އެ މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުށާއި ކުށުގެ ވެށްޓާއި ހުނޭޝާއާ ގުޅުމެއް އޮތް ކަމަށް ބެލެވިދާނެ ކަންކަން ހުރި ކަމަށެވެ. އަދި އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
ހައިކޯޓުން ބުނީ ހުނައިޝާގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ވުމުންނާއި ކުށް ހިންގާފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން ކަމުގައި ބެލެވޭތީއާއި ތަނުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ބަރުދަނަށާއި ތަނުގައި ހުރި ތަކެއްޗަށް ބަލާއިރު ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މިހާލަތުގައި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅަން ނިންމާފައެވެ.
ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ މަސްތުވާތަކެތި ފެނުނީ ހުނޫ ދިރިއުޅޭ ތަނުން ނޫންކަމަށާއި ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވާ ކަމަށް ބުނެއެވެ. އަދި އެ ތަކެތި އޭނާ އާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.
މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހު ހުނޫއާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކެނަބިހާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދެ ދައުވާ އާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ފުރަތަމަ ޖަދުވަޅުގައިވާ މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައެވެ.
ހުނޫ އަކީ ފިލްމު ކުޅުމުގެ އިތުރުން ޓިކްޓޮކު ގައި ވެސް ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް