ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް - މުސްތަފާ ހުސައިން ފީޗަރ ފިލްމެއް ހައްދަވަނީ

ދިވެހި ފިލްމީ ދާއިރާ މިހައި ހިސާބަށް ގެނެސްދެއްވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ފަރާތްތަކުގައި މުހައްމަދު މުސްތަފާ ހުސައިން ނުވަތަ ބޮޑުފެންވަޅުގޭ މުސްތަފާ ހިމެނިވަޑައިގަންނަވާނެއެވެ. މުސްތަފާގ...

15 Aug 2022 | 13:47

ދިވެހި ފިލްމީ ދާއިރާ މިހައި ހިސާބަށް ގެނެސްދެއްވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ފަރާތްތަކުގައި މުހައްމަދު މުސްތަފާ ހުސައިން ނުވަތަ ބޮޑުފެންވަޅުގޭ މުސްތަފާ ހިމެނިވަޑައިގަންނަވާނެއެވެ.

މުސްތަފާގެ އުފެއްދުންތަކަކީ މިހާރުވެސް ބަަލައިލަން ބޭނުންވާފަދަ ހުނަރުވެރި އުފެއްދުންތަކެކެވެ.

ރާއްޖޭގައި ފިލްމީ ވަސީލަތްތަކާއި ހުނަރުވެރި އެކްޓަރުން ނެތް ނުވަތަ މަދު ޒަމާނެއްގައި ވެސް މުސްތަފާގެ ހިކުމަތްތެރިކަމާއެކު އުފައްދަވާފައިވާ އުފެއްދުންތަކާއި ފިލްމީ ދާއިރާއަށް ނެރެދެއްވި އެކްޓަރުންނާއި އެކްޓަރެސްއިންނަކީ ތައުރީފް ހައްގުބައެކެވެ.

އެހެންނަމަވެސް މުސްތަފާގެ ފިލްމީ މަސައްކަތެއް ނުފެންނަތާ ގިނަދުވަސްތަކަކަށްފަހު، މުޙައްމަދު މުސްޠަފާ ޙުސައިން ފީޗަރ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވަން އުޅުއްވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހިންގާކޮމެޓީ އިންތިޚާބުކުރުމުގެ ޖަލްސާގައި މުސްތަފާ އެކަން އިއުލާނުކުރެއްވިއިރު، މުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ ދިވެހި ފިލްމީ ކުއިޒް ޝޯވ”ކޮންފިލްމެއް؟” ޕްރޮގްރާމުގައި ވެސް ވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެވެ.

“އަޅުގަނޑު މިއަދު މިހުރީ ނުކުމެ އަދިވެސް ތިބޭފުޅުންނާ އެކުގަ، ތިބޭފުޅުން ގޮވައިގެން ކުރިއަށްދާން ހުރި މަސައްކަތެއް ކުރުމުގަ ހިތްވަރާއެކުގަ އިނގޭތޯ.” އަޅުގަނޑު ފިލްމެއް ނުހަދާތާ ވަރަށް ގިނަ ދުވަސްވެފަ އިރާދަކުރެއްވިޔާ މިއަހަރު ތެރޭގަ، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގަ އަޅުގަނޑު މަސައްކަތެއް އެބަ ފައްޓަން.” މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެ ފިލްމަކީ ރާއްޖެއަށް އައިސްފަ އޮތް ވަރަށް ބޮޑު މައްސަލައަކާ ގުޅޭ ގޮތުން ހަދާ ފިލްމެއް ކަމަށާއި ފިލްމަށް ކާސްޓުން ވެސް ނަގާފައިވާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ މިއީ ރާއްޖޭގެ މީހަކަށް ދިމާވި ހަގީގީ ހާދިސާއަކާ ގުޅުންހުރި ފިލްމެއް ކަމަށާއި މީގައި އަލިއަޅުވާލާފައިވާނީ ބަންގްލަދޭޝް މީހުންނާ ދިވެހި އަންހެނުންނާ ކައިވެނިކޮށްގެން ދިމާވާ މައްސަލައަށް ކަމަށެވެ. އަދި ބަންގްލަދޭޝް ފިރިހެނެއް ހަރުކުލައިގެ އަންހެނަކާ އިނދެގެން އޭނާގެ ދިރިއުޅުމަށް ދިން ގެއްލުންތައް މި ފިލްމުން ދައްކުވައިދޭނެ ކަމަށް ވެސް މުސަތްފާ ވިދާޅުވިއެވެ.

ދިވެހި ސިނަމާގައި އެޅުވި ފުރަތަމަ ދިވެހި ފިލްމު “ތިން ފިޔަވަޅު” އާއެކު ދިވެހި ޖައްވުގައި ފިޔަޖަހަންފެށި ފިލްމީ ދާއިރާގެ އެހާރާއި މިހާރުގެ ތަފާތު ހަމަޔަގީނުން ވެސް މި ފިލްމުން ދައްކުވައިދޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

މުސްޠަފާ އެންމެ ފަހުން ހެއްދެވި ދިވެހި ފިލްމު “ނަތީޖާ” މިހައިތަނަށް ރިލީޒްކޮށްފައެއް ނުވެއެވެ.

މުސްޠަފާގެ ފީޗަރ ފިލްމު މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކުރި ދިވެހި ފިލްމަކީ ފިލްމު “އިމްތިހާން” އެވެ. 1993 ގައި ރިލީޒްކުރި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުއްވާ ޕްރޮޑިއުސްކުރައްވާ ޑައިރެކްޓްކުރެއްވީ ވެސް މުސްޠަފާއެވެ.

އެ ފިލްމުގެ އިސް ބަތަލުންގެ ތެރޭގައި ރީކޯ މޫސާ މަނިކް، މަރްޔަމް މަނިކެ، ޢަލީ ޝާކިރު، އަޙްމަދު ޚާލިދު އަދި ސުނީތާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް