ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021(ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އައި.އެސް.ޖީ.2021 ގައި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއް ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ޙާޞިލު ކުރެވެމުން ދިޔައީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ލިބިވަޑައިގެންފިކަމުގައެވެ.
ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށާއި މިކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްޞީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް އެލިބޭ ކުރިއެރުންތަކާއެކު އެއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައްފައިދާތަކެއް އެކުލެވޭކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
އައި.އެސް.ޖީ.2021ގައި ވާދަކުރި ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް