ވ. އާރަށުގެ މައްސަލަ: އަދިބާއި ޒިޔަތުގެ ހެކިބަސް އެއްދުވަހު ނަގަނީ

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް އެއް ދުވަހު ނަގާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައ...

15 Aug 2022 | 09:42

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް އެއް ދުވަހު ނަގާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

އެ ދެ މީހުންގެ ހެކިބަސް ނަގަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެންނެވެ.

އެ މައްސަލައިގާ ހެކި ބަސް ނެގުމުގެ މަރުހަލާ މިހާރުކުރިއަށްދާއިރު، އަދީބުގެ ކުރީގެ ޑްރައިވަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމްގެ ހެކިބަސް މިހާރުވަނީ ނަގާފައެވެ.

ޢަބްދުﷲ ޒިޔަތުގެ ހެކިބަސް މިއަދުނަގާގޮތަށް ތާވަލުކޮށްފައިވީނަމަވެސް އާރަށުގެ މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ހަމްޒާ ވަނީ އެކަމަށް އިއުތިރާޒްކުރައްވާފައެވެ.

ވަކީލު ވިދާޅުވީ ޒިޔަތާއި އަދީބަކީ އެ މައްސަލައިގައި އެއް ކަމަކާ ގުޅިގެން ހެކިބަސް ދޭ ދެ ފަރާތް ކަމަށްވާއިރު، އެކަކުގެ ހެކިބަސް ކުރިން ނަގައިފި ނަމަ، އަނެކަކުގެ ހެކިބަސް އެގޮތަށް ބައްޓަންކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ހަމްޒާ އެދިވަޑައިގެންފައިވަނީ އަދީބަށް ނުފެންނާނެ ހެން އަދީބުގެ ހެކިބަސް ނެގޭނެ އިންތިޒާމް ކޮށްދެއްވުމަށާއި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއް ދުވަހަކަށް ހަމަޖެއްސުމަށެވެ. އަދި އެކަކު ހެކިބަސް ދޭއިރު އަނެކަކު ކޯޓުގައި ބަންދުކޮށްފައި ބެހެއްޓުމަށާއި މިއީ ބޭރު ގައުމުތަކުން ވެސް ބަލައިގަންނަ ކަމެއް ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާގެ އެދިވަޑައިގަތުމަށް ޔާމީންގެ ދިފާއީ ވަކީލުން ތާއީދު ކުރައްވާ އެކަމަށް އިއުތިރާޒެއް ނުކުރައްވައެވެ.

އެހެންނަމަވެސް، އެކަން ކުރިން ސަމާލުކަމަށް ގެނެސްފައި ނުވާކަން ފާހަގަކޮށް އަދީބު މިއަދު ކޯޓަށް ހާޒިރުނުކުރެވޭނެ ކަމަށާއި އޭނާ ހާޒިރުކުރަން، ދައުލަތުގެ އެހެން މުއައްސަސާތަކަށް އަންގަން ޖެހޭނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ނިންމެވީ، އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި ޒިޔަތާއި އަދީބުގެ ހެކިބަސް ނަގާނެ ކަމަށް އިއުލާނުކުރައްވައި، މި މަހުގެ 30 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް