އެފްވައިއެފްސީ 2022 - މުބާރާތުގެ ޤަވައިދާއި ޚިލާފުވުމުން އެލްވައިޑީއަށް އެޅި ފިޔަވަޅާއި އެކު އެޓީމަށް މުބާރާތް ނިމިއްޖެ

ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" މުބާރާތުގެ ޤަވައިދާއި ޚިލާފުވުމުން ކަމަށް ބުނެ މި މުބާރާތުގައި ވާދަކުރަމުން އައި ލާމު ޔޫތް ޑެވެލޮޕްމެންޓް (އެލްވައިޑީ) އަށް މުބާރާތުގެ ޑިސ...

15 Aug 2022 | 08:15

ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" މުބާރާތުގެ ޤަވައިދާއި ޚިލާފުވުމުން ކަމަށް ބުނެ މި މުބާރާތުގައި ވާދަކުރަމުން އައި ލާމު ޔޫތް ޑެވެލޮޕްމެންޓް (އެލްވައިޑީ) އަށް މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި ފިޔަވަޅާއި އެކު އެޓީމަށް މުބާރާތް ނިމިއްޖެއެވެ.

ދުވަސްއަށް މައުލޫމާ ދެމުން މުބާރާތުގެ ކޮމިޓީގައި ހިމެނޭ މެމްބަރަކު ބުނީ އެލްވައިޑީއަށް ފިޔަވަޅުއަޅާފައިވަނީ މުބާރާތުގެ ޤަވައިދުގައި ވާ ގޮތަށް މެޗުތަކަށް ބޭނުންވާ ޓީމުގެ ކުޅުންތެރިންގެ ޖާޒީ ނެތުމުގެ ސަބަބުންކަމަށެވެ. އަދި އެ ފަރާތުން ބުނީ މުބާރާތުގެ ޤަވާއިދުގައި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ފުރަގަހުގައި ނަމްބަރު ޖަހާފައިވާ ޖާޒީ ބޭނުން ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ދެމެޗު ކުޅުނު އިރުވެސް އެލްވައިޑީން އެގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ. އަދި އެޓީމަށް ފިޔަވަޅު އަޅާފައިވަނީ ތަކުރާރުކޮށް އެކަން އިސްލާހު ކުރުމަށް ނަސޭހަތް ދިނުމުން ވެސް އެކަން އިސްލާޙު ނުކުރުމުން ކަމަށް ވެސް އެފަަރާތުން ވަނީ ބުނެއެވެ.

" މުބާރާތުގެ ފުރަތަމަ މެޗު ކުޅުނު އިރުވެސް އެލްވައިޑީން ޖާޒީ ބޭނުމެއް ނުކުރޭ. އެމީހުން އެ މެޗު ކުޅުނީ ބިބްސް ލައިގެން. އެމެޗަށް ފަހުވެސް ދެވަނަ މެޗަށް އަންނައިރު، ޖާޒީ ލައިގެން ކުޅެން އައުމަށް ވާނީ އަންގާފަ. ނަމަވެސް އެ މެޗުގައިވެސް ޖާޒީ ބޭނުމެއް ނުކުރޭ. ދެވަނަ މެޗަށް ފަހު އަހަރެމެން އެލްވައިޑީއަށް އެންގިން މުބާރާތުގެ ތިންވަނަ މެޗަށް އަންނަ އިރު، ޖާޒީ ލައިގެން ނޫނީ މެޗު ނުކުޅެވޭނެ ކަމަށް. ތަކުރާރުކޮށް އެންގުމަށް ފަހު ފިޔަވަޅު އެޅީ." މުބާރާތުގެ ޑިސިޕްލިމަރީ ކޮމިޓީގައި ހިމެނޭ ބެމްބަރަކު ބުންޏެވެ.

މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި މި ފިޔަވަޅާއި އެކު އެލްވައިޑީއަށް މުބާރާތް ނިމުނުއިރު، ކޮމިޓީން ވަނީ އެ މެޗު ކެންސަލް ކޮށް ތިން ޕޮއިންޓާއި ދެ ގޯލާއި އެކު މި މެޗު އިދިކޮޅު ޓީމަށް ދީ އެމެޗުން އެ ޓީމު މޮޅުވިކަމަށް ނިންމާފައެވެ. މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރޭ އެލްވައިޑީ ބައްދަލުކުރަން އޮތީ ކަންމަތި އެސްސީއާއެވެ. ކަންމަތި އެސްސީން މި މެޗާއި ކުރިމަތިލި އިރުވެސް އެޓީމު އޮތީ ގުރޫޕު ސްޓޭޖުގައި ކުރިން ކުޅުނު ދެ މެޗުންވެސް މޮޅުވެ ކުއާޓާގެ ޖާގައެއް ޔަގީންކޮށްފައެވެ. ނަމަވެސް އެލްވައިޑީއަށް މުބާރާތުގެ ކުއާޓާއަށް ދެވެން އޮތީ ރޭ ކަންމަތި އެސްސީއާއި ދެކޮޅަށް ކުޅެން އޮތް މެޗުން މޮޅުވެގެންނެވެ.

ގުރޫޕު ސްޓޭޖުގައި ގުރޫޕު ބީ އިން ކުޅެން ޖެހޭ ހުރިހާ މެޗެއް ވެސް މިހާރު ނިމިފައިވާއިރު، މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައިވަނީ ކަންމަތި އެސްސީއެވެ. އަދި މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައިވަނީ  އިސްދޫ ކައުންސިލްގެ ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް