ބްރިޖު މަސައްކަތަށް ކަނޑުއޮޅި ބަންދު ކުރިޔަސް ވިލިމާލޭ ފެރީ ދަތުރުތައް އޮންނާނެ

ތިލަމާލެ ބްރިޖު މަސައްކަތަށް ކަނޑުއޮޅި ބަންދު ކުރިޔަސް ވިލިމާލޭ ފެރީ ދަތުރުތަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. ވިލިމާލޭ ފެރީ ހިދުމަތަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންނެ...

15 Aug 2022 | 05:08

ތިލަމާލެ ބްރިޖު މަސައްކަތަށް ކަނޑުއޮޅި ބަންދު ކުރިޔަސް ވިލިމާލޭ ފެރީ ދަތުރުތަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ވިލިމާލޭ ފެރީ ހިދުމަތަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންނެއް ބޭނުން ކުރާ ހިދުމަތެކެވެ. މި ހިދުމަތް ގަޑިއިރަކަށް މެދުކެނޑުނު ނަމަވެސް މީގެ ކުރިން ރައްޔިތުން އެތައް ތަކުލީފެއް އުފުލަން ޖެހިފައި ވެ އެވެ.

މާލެ އާއި ވިލިމާލޭ ގުޅޭ ކަނޑުއޮޅި ބޭނުން ކުރުން މަނާ ކުރީ ބްރިޖު އެޅުމުގެ މަސައްކަތް ފެށުމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާގައި ވިދާޅުވީ މިހާރެކޭ އެއްގޮތަށް ވިލިމާލޭ ފެރީ ދަތުރުތައް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ދާނެ ކަމަށެވެ. އަދި ދަތުރުތަކަށް ބަދަލެއް ގެންނަން އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ކަނޑުއޮޅި ބަންދުވާނީ މިއަދުން ފެށިގެން ކަމަށެވެ. ބްރިޖުުގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ، ދެކުނުގެ އަތޮޅުތަކުން ގާދޫކޮޅު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމްކޮށްފައިވާ ބުރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ތިލަމާލޭ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. މި މަޝްރޫއު ކުރަނީ އިންޑިއާގެ އެފްކޮން ކުންފުނިންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ ޖުލައިގެ ކުރިން މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށެވެ. އަދި ގުޅީފަޅާއި ތިލަފައްޓާއި ގުޅާލައި މަޝްރޫއު އެއްކޮށް ނިމޭނީ2024 ވަނަ އަހަރު ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް