އިންޑިއާގެ ބިލިއަނަރު ރާކޭޝް ޖުންޖުންވާލާ މަރުވެއްޖެ އެވެ.
އުމުރުން 62 އަހަރުގައި ރާކޭޝް މަރުވީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމެއް އާއިލާއިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ބައެއް ގާތް މީހުން މީޑިއާގައި ބުނެފައިވާގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހު އޭނާ އުޅުނީ ސިއްހީ ހާލަު މާ ރަނގަޅުކޮށް ނޫން ކަމަށެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ރާކޭޝް ވަނީ އަކާސާ އެއާލައިންގެ ނަމުގައިި އަމިއްލަ ބަޖެޓު އެއާލައިނެއް އުފައްދާފަ އެވެ. އެ އެއާލައިން ފެށުމުގެ ރަސްމިއްޔާތަށް ގޮސް އިނީ ފުރޮޅުލީ ގޮނޑީގައި އެވެ.
ރާކޭޝް ދުނިޔޭގައި މަޝްހޫރުވެފައިވަނީ އިންޑިއާގެ "ވޮރުން ބަފެޓް"ގެ ނަމުންނެވެ. އޭނާއަކީ އިންޑިއާގެ 36 ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.
އޭނާ ސްޓޮކް އިންވެސްޓުމެންޓުގެ ތެރެއަށް ވަނީ ކޮލެޖު ދުވަސް ވަރު އެވެ. ޗާޓާޑް އެކައުންޓެއް ކަމަށްވާ ރާކޭޝް މަރުވި އިރު މިލްކިއްޔާތުގައި 5.8 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
ރާކޭޝްގެ ހިއްސާ، އިންޑިއާގެ މުއްސަނދި ޓާޓާ ގްރޫޕްގެ ދަށުން ހިންގާ ޓާޓާ މޮޓޯސް އާއި ޓާޓާ ކޮމިއުނިކޭޝަން އަދި ޓާއިޓަން އާއި ތާޖް ހޮޓެލްސްގައި ވެސް އޮވެ އެވެ. އަދި ފެޑެރަލް ބޭންކާއި ސްޓާ ހެލްތް އިންޝުއަރެންސް އާއި އިންޑިއާބުލްސް ހައުސިން ފައިނޭންސް ގައި ވެސް އިންވެސްޓްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް