ހުޅަނގުން ތާއީދު ކުރާ އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލާ ޠާލިބާނުން ކާބުލް ހިފައިފި ނަމަ، ޗައިނާއިން ޠާލިބާނަކީ އަފްޣާނިސްތާނުގެ ވެރިންގެ ގޮތުގައި ބަލައިގަތުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޔޫއެސް ނިއުސް އެންޑ ވޯލްޑް ރިޕޯޓުގައި އެމެރިކާ އަދި އެހެން ޤައުމުތަކުގެ އިންޓެލިޖެންސްގެ މައުލޫމާތުތަކަށް ބިނާކޮށް ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގެ ލީޑަރުން އަންނަނީ ޠާލިބާނުގެ ހަނގުރާމަވެރިންނާއި ރަސްމީ ގޮތެއްގައި ގުޅުން ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ރިޕޯޓުތައް ހާމަ ކޮށްފައި ވަނީ ޠާލިބާނުން އަފްޣާނިސްތާނުގެ 2/3 އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.
މިހާރު އަފްޣާނިސްތާނުގެ ވެރިކަން ކުރާ 34 ޕްރޮވިންސުގެ ތެރެއިން ދެބައި ކުޅަ އެއްބައިވެސް ވަނީ ޠާލިބާނުން ހިފާފައެވެ. އަދި މިއަދުގެ ވަގުތެެެއްގައި ޠާލިބާނުން ވަނީ ވެރި ރަށް ކާބުލްއަށް ވަދެގަނެފައެވެ.
ޗައިނާއިން ޠާލިބާނަށް ތާއީދު ކޮށްފިނަމަ އެމެރިކާގެ ޖޯ ބައިޑެންގެ ސަރުކާރުން މި މަސައްލައާއި މެދު ގެންގުޅޭ ސިޔާސަތުތައް ފެނަށް ވެގެން ދާނެ ކަމަށް ބޭރުގެ މީޑިއާތަކުން ދެކެއެވެ. އެމެރިކާގެ ސަރުކާރުން އަންނަނީ ބައިނަލްއަޤްވާމީ އެކަހެރި ކުރުމުގެ ބިރު ދައްކައި، ޠާލިބާނަށް ސިޔާސީ އެއްބަސްވުމަކާއި ހަަމައަށް އައުމަށް މަޖުބޫރު ކުރަމުންނެވެ.
ޗައިނާއަކީ ޒަމާނުއްސުރެ އަފްޣާނިސްތާނާއި ޖެހިގެން އޮންނަ ޤައުމެއް ކަމަށްވާ ޕާކިސްތާނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކަށް ވާއިރު، އަފްޣާނުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ޕާކިސްތާނުން ވަނީ ޠާލިބާނު ޖަމާއަތަށް ތަމްރީންތައް ބާއްވާނެ ބިމާއި ސިއްޙީ ޚިދުމަތްތައް ފޯރު ކޮށް ދެމުންނެވެ.
ޠާލިބާނުން އަފްޣާނިސްތާނު އެއްކޮށް ހިފުން ގާތްވެފައިވާއިރު، ބެލެވޭ ގޮތުގައި ޗައިނާއިން ޠާލިބާނާއިއެކު ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. ސަބަބަކީ، އަފްޣާނިސްތާނަކީ ޗައިނާއާއިއެކު ބޯޑަރު ހިއްސާ ކުރާ ޤައުމަކަށް ވެފައި، އަދި މިހާ ތަނަށް ޗައިނާގެ އިޤްތިޞާދީ ބާރު ފުޅާ ކުރުމަށް އަފްޣާނިސްތާނުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައި ނުވާތީއެވެ.
ޗައިނާ އަންނަނީ މި ސަރަޙައްދުގައި އެ ޤައުމުގެ އިޤްތިޞާދީ ބާރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޑިފެންސް އެނެލިސްޓެެއް ކަމަށްވާ ޑެރެކް ގްރޮސްމެން ވިދާޅުވި ގޮތުގައި ޕެޝާވަރު ކާބުލް މޮޓޯވޭގެ ކޮންސްޓްރަކްޝަން މަސައްކަތުގައި ޗައިނާއިން އަންނަނީ މިހާރުވެސް ކާބުލްއާއި އެކު މަސައްކަތް ކުރަމުންނެވެ. އަދި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ދާދި އަވަހަށް ކާބުލް ހިމެނިގެން ދާނެ ކަމަށް ބެލެވޭ ކަމަށްވެސް ގްރޮސްމެން ވަނީ ލަފާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް