އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ އެންމެ ނާޒުކު ދަނޑިވަޅުގައި ގައުމު ދޫކޮށް ފިއްލަވައިފި އެވެ.
އެ ގައުމުގެ ވެރިރަށް ކާބުލަށް އެއްގަމު މަގުން ވަދެވެން ހުރި ހުރިހާ މަގުތަކެއް ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސް ސުލްހަވެރިކަމާއި އެކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިޔަށް ގެންދަން އެ ޖަމާއަތުން އަޝްރަފްގެ ސަރުކާރަށް ގޮވާލީ މިއަދު އެވެ. އެއާއި އެކު ސަރުކާރުން ވަނީ އެކަމަށް އިޖާބަދޭ ކަމަށް ބުނެފަ އެވެ.
އެކަމަކު އެސޯސިއޭޓެޓް ޕްރެސް (އޭޕީ) ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު އަޝްރަފް ވަނީ ގައުމު ދޫކޮށް ފިއްލަވާފައި އެވެ. އޭނާ ގައުމުދޫކޮށް ވަޑައިގެންނެވީ އަޝްރަފްގެ ސަރުކާރަށް ވަފާތެރި އަދި އަރިސް ބޭފުޅުންނާއި އަފްގާންގައި ތިއްބެވި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ގެންދަން އެމެރިކާއިން ދިޔަ ހެލިކޮޕްޓަރެއްގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ މީހުން ގައުމު ދޫކޮށްދިޔަ ހެލިކޮޕްޓަރުތައް ފުރިކަން ތޯލިބާނުންގެ އިސްވެރިންނަށް އެނގިފައިވަނީ ހެލިކޮޕްޓަރުތައް ވައިގެ ތެރޭގައި ދަތުރު ކުރަން ފެށުމުންނެވެ. އަދި އެ ވަގުތު ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ ސަރަހައްދުގައި ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއްވެސް އަންދާލާފައިވެ އެވެ. ބެލެވޭ ގޮތުގައި އެމީހުން ފުރާފައިވަނީ އެ ތަކެތީގައި ރޯކޮށްލުމަށް ފަހު އެވެ.
އަޝްރަފް ގައުމު ދޫކުރައްވާ ވަޑައިގެންނެވިކަން ރަސްމީކޮށް ޔަގީން ކޮށްދެއްވާފައިވަނީ ނެޝަނަލް ރީކޮންސިލޭޝަން ކައުންސިލްގެ ވެރިޔާ އަބްދުﷲ އަބްދުﷲ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އަޝްރަފްގެ ބޭނުން އެންމެ ބޮޑަށް ބޭނުންވި ވަގުތު އަދި ގައުމު އޭނާގެ ހިދުމަތަށް އެންމެ ބޭނުންވި ވަގުތު ގައުމު ދޫކޮށް ފިއްލަވާފައިވާ ކަމަށެވެ. އެ ކުށުގެ އަދަބު މާތް ﷲ އޭނާއަށް ދެއްވާނެ ކަމަށް އަބްދުﷲ ވިދާޅުވެފައިވެ އެވެ.
އަޝްރަފް ގައުމު ދޫކުރައްވައި ވަޑައިގެންނަވާފައިމިވަނީ ވެރިކަމުން އިސްތިއުފާ ނުދެއްވައިފި ނަމަ އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަޝްރަފް ވަޑައިގެންފަ ވަނީ ތަޖިކިސްތާނަށެވެ.
ތޯލިބާނުން ވަނީ 20 އަހަރު ވަންދެން އެމެރިކާގެ ބާރުގެ ދަށުން އަފްގާންގައި ވެރިކަން ކޮށް އާރާސްތުކޮށް ބާރުގަދަ ކުރި އަސްކަރިއްޔާ އާއި ވެރިކަން އެންމެ ދެތިން ހަފްތާއިން ވައްޓާލާފައި އެވެ. އަދި ގައުމުގެ ވެރިކަމާއި ތޯލިބާނުން ހަވާލުވުމުގެ ކަންކަން މިހާރު ކުރިޔަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް