އުމުރުން 17-12 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.
އެ އުމުރުފުރާގެ ކުދިންނަށް ދެމުން ދަނީ ފައިޒާ ވެކްސިން އެވެ. ސަރުކާރުން ބުނީ 12 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ޖެހޭ ވަރަށް ރާއްޖެއަށް ވެކްސިން ލިބިފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީޑިއާގައި ބުނީ ސްކޫލްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ އަދި ގްރޭޑް 10 ނިމިފައިވާ 40،000 ކުދިންނަށް ވެކްސިން ދޭނެ ކަމަށެވެ. އަދި އަމާޒަކީ މި މަސް ނިމެންވާއިރަށް އެ ކުދިންނަށް ވެކްސިން ދީ ނިންމުން ކަމަށް ބުނެފައިވެ އެވެ.
މިއަދު ފެށި ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހައިދޭން ނިންމާފައިވަނީ ޖުލައި 31 ގެ ނިޔަލަށް 12 އަހަރު ފުރިފައިވާ ކުދިންނަށެވެ.
ރާއްޖޭގައި ބޭނުން ކުރަމުންދާ ފައިޒާ ވެކްސިން އަކީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާ ކުރި ވެކްސިން އެވެ. އެމެރިކާއިން ވަނީ ރާއްޖެއަށް 128،600 ޑޯޒު ހަދިޔާ ކޮށްފަ އެވެ.
ރާއްޖޭގައި މިއަދު އަލަށް ކުޑަކުދިންނަށް ވެކްސިން ދޭން ފެށިއިރު، މިހާތަނަށް ވަނީ 342،793 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 294،364 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް