ކާބުލް ތޯލިބާނުންގެ ބާރުގެ ދަށަށް، ސަރުކާރުން އެދެނީ ސުލްހަވެރިކަމާއި އެކު ވެރިކަން ބަދަލު ކުރަން!

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ފުރިހަމަ ކޮންޓްރޯލް ގާތްގަނޑަކަށް ތޯލިބާނުން ނަގައި ނިންމައިފި ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު މީޑިއާގ...

15 Aug 2021 | 12:03

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ފުރިހަމަ ކޮންޓްރޯލް ގާތްގަނޑަކަށް ތޯލިބާނުން ނަގައި ނިންމައިފި ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު މީޑިއާގައި ވިދާޅުވެފައިވަނީ ކާބުލްއަށް ވަދެވޭ ހުރިހާ ސަރަހައްދެއް ތޯލިބާނުން ހިސޯރުކޮށް އެއްގަމު މަގުން ކާބުލްއަށް ވަދެވޭ ހުރިހާ ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާ ކަމަށެވެ. އެކަމާއި ގުޅިގެން ރައީސް އަޝްރަފު ޣަނީ ގެންދަވަނީ އެމެރިކާ އާއި ތޯލިބާނުންގެ އިސްވެރިންނާއި މަޝްވަރާ ކުރަމުން ކަމަށް ވިދާޅުވި އެވެ.

ތޯލިބާން ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވެރިރަށް ކާބުލް ހިފަން ބޭނުންވަނީ އެއްވެސް ލޭއޮހޮރުވުމެއް ނެތި އެވެ. އަދި ކާބުލްގައި ދިރިއުޅޭ އެއްވެސް މީހެއްގެ ފުރާނަ އަދި މުދަލަށާއި ގެދޮރަށް ވެސް ގެއްލުމެއް ދޭން ބޭނުން ނުވާ ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ތާލިބާނުން ބުނި ގޮތުގައި، މިހާރު ވެރިކަމުގައި ތިބި މީހުން އެއް ފަރާތަށް ޖެހި، ތާލިބާން ޖަމާއަތުގެ މައްޗަށް ވެރިކަން ދޫކޮށްލުމުގެ ވާހަކަތައް ކުރިއަށް ދާނަމަ ބާރުގެ ބޭނުންކޮށްގެން ކާބުލް އަށް ވަންނަން މަސައްކަތެއް ނުކުރާނެ އެވެ. އަދި ވެރިކަން ބަދަލުވުމުގެ ކަންތައް ފުރިހަމަވުމާ ހަމައަށް ކާބުލްގެ ސަލާމަތީ ކަންތައް ކަށަވަރުކޮށްދިނުމުގެ މަސްއޫލިއްޔަތު އޮންނާނީ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ކަމަށްވެސް ބުންޏެވެ.

މި ބަޔާން ނެރުނު ފަހުން އަފްގާނިސްތާނުގެ ދާހިލީ ވަޒީރު އަބްދުއްސައްތާރު މިރްޒަކްވާލް ވިދާޅުވި ގޮތުގައި، ތާލިބާންގެ ހަނގުރާމަވެރިން ބާރުގެ ބޭނުންކޮށްގެން ކާބުލް އަށް ވަދެގަތުން ހުއްޓައިލުމާ ގުޅިގެން، ސުލްހަވެރި ގޮތުގައި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

ތޯލިބާނުން އެ ގައުމުގައި ކުރަމުން އައި ޒަމާންވީ ވެރިކަން ވެއްޓުނީ 2001 ވަނަ އަހަރު އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާއަށް ފަހު، އަލްގައިދާގެ އޭރުގެ ލީޑަރު އުސާމާބިން ލާދިން އަށް ތާލިބާނުން ހިޔާމަތް ދިނުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން އަފްގާނިސްތާނު ހިފުމުންނެވެ.

އޭގެ ފަހުން ފާއިތުވި 20 އަހަރު ތާލިބާނުންނާ ހަނގުރާމަކުރުމަށް ފަހު އެމެރިކާ ސިފައިން ފޭބީ ތާލިބާނުންނާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެމެރިކާ އަފްގާނުން ފައިބަން ފެށުމާއި އެކު އަފްގާންގެ ވެރިކަމަށް އައުމުގެ މަސައްކަތް ތޯލުބާނުން ފަށަމުން ބުނެފައިވަނީ އަފްގާން ސިފައިންނާއި ހަނގުރާމަ ކޮށް ވެރިކަމަށް ތަޅާނުފޮޅަން އެމެރިކާ އާއި އެކު އެއްބަސްވެފައި ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް