އިންޓަޕޯލް ނޯޓިސް ނެރެގެން އަލީ ވަހީދު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރަން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ސުޕްރީމް ކޯޓުން އަލީ ވަހީދު ޖަލަށް ލާން ހުކުމް ކުރީ...

15 Aug 2021 | 11:46

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރަން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދު ޖަލަށް ލާން ހުކުމް ކުރީ ދެ މަހާއި 12 ދުވަހަށެވެ. އެ ހުކުމް ކުރީ އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް އަޑުއެހުމަށް ހާޒިރުވެފައި ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލުަމަށް ފަހު އެވެ.

ހުކުމް ކުރި އިރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވުމުން ހުކުމް ތަންފީޒު ކުރަން ރާއްޖެ ގެންނަން ކުރަން ޖެހޭ މަސައްކަތް ކޮށްދިނުމަށް ކަރެކްޝަންސްއިން އެދުނީ ފުލުހުންގެ ކިބައިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރުމަށް ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް މެދުވެރިކޮށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

އޭތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.

އެކަމަކު އަލީ ވަނީ ބޭސް ފަރުވާގެ ނަމުގައި ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް