ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މަހުލޫފު މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އެ މައްސަލައިގަ އޭސީސީން ވަނީ ރިޝްވަތު ނެގުމާއި ދައުލަތުގެ އިދާރާއަކަށް އޮޅުވާލި ކަމުގެ ތުހުމަތު ކޮށްފަ އެވެ.
އެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދި ވެސް ދައުވާކޮށްފައި ނުވާތީ އާއި ހެކި ހޯދާފައި ވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ، މަހުލޫފު ކަންބޮޑުވުން ފާޅުކުރައްވަ އެވެ. އޭނާ ތުހުމަތު ކުރައްވަނީ އޭނާގެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ.
މަހުލޫފުގެ ތުހުމަތުތަކާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މީޑިއާގައި ވިދާޅުވީ، އެ އޮފީހުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާ އެހެން މައްސަލަތަކެކޭ އެއްގޮތަށް މަހުލޫފުގެ މައްސަލައިގައި ވެސް ހެކި ގަރީނާ ހޯދާފައި ވަނީ ރަނގަޅަށްތޯ ކަށަވަރުކުރާނެ ކަމަށެވެ. ޕީޖީ އޮފީހުން އެއްވެސް މީހަކާ މެދު ނުހައްގުން އަމަލު ނުކުރާނެ ކަމަށާއި، މަހުލޫފުގެ މައްސަލައިގައި ވެސް އެއްވެސް ތަފާތެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް