ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ 9 ވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފި އެވެ.
މި ކޯހަކީ، ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އަންހެން ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެވެ.
މިކޯސް ފެށުމުގެ ގޮތުން މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކާނަލް މުޙައްމަދު ސަލީމް ވަނީ ކޯހުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިޤްރާރު ލައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖަމްޝާދު އެވެ. އަދި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަފީޤެވެ.
މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގަ އެވެ.
މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް ހިމެނެ އެވެ. އަދި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އާއި ޑައިވިންގ ސަރޗް ޕެޓާންސް ހިމެނެ އެވެ.
މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ސްވިމިންގ އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގގެ އާއި ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގައި ޖުމްލަ 29 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 7 ސިފައިން ބައިވެރިވި އެވެ.
މިގޮތުން ސްރީލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފްގެ އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ވަނީ ބައިވެރިވެފަ އެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، ކޯސްޓްގާޑު ކޮމަޑާންޓްގެ އިތުރުން، ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، ކޮމާންޑް ސާޖަންޓް މޭޖަރ އޮފް ކޯސްޓްގާޑް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި ސީނިއަރ އެންލިސްޓެޑުންނާއި ކޯހުގެ ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެލެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް