ރާއްޖޭގައި ކޮވިޑު ކޮންޓޯރޯލްކުރުމަށް ވިއެޓްނާމް ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވައިފި އެވެ.
އެމަނިކުފާނު ޝުކުރުއަދާ ކުރެއްވީ ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ ހޯ ތީ ތަން ތުރުޚް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރސްމިއްޔާތުގައި ރައިށް ސޯލިހު ވަނީ ވިއެޓްނާމްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ދެޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭއިރު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވާ ފަދަ އެދެވޭ ކަންތައްތަކެއްކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ މަތީ ފަންތީގެ ވާހަކަތަކާއި، ޒިޔާރަތްކުރުންތައް މެދުވެރިކޮށް ދެޤައުމުގެ ދޭތެރޭގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަތުމާގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓޯރޯލްކުރުމަށް ވިއެޓްނާމް ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ވެސް ބޭނުންފުޅުވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ވިއެޓްނާމް ސަފީރުގެ އަރިހުން ރާއްޖޭއަށް އާސިއާންގެ އޮބްޒަރވަރ ސްޓޭޓަސް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ވިއެޓްނާމް ސަފީރުގެ ވާހަކަފުޅުގައި، ވިއެޓްނާމުން ރާއްޖޭގެ އެކުވެރިއެއްގެ ރޯޅު އަބަދުވެސް އަދާކުރާނެކަމަށާއި، ރާއްޖޭއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް އެޤައުމުގެ ފަރާތުން ދޭނެކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަކޮށް ބައިނަލްއަޤްވާމީ ދުނިޔޭގެ ގިނަ ކަންކަމުގައި ރާއްޖެއާއި ވިއެޓްނާމްގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭހެން އ.ދ. އާ ގުޅޭ ކަންކަމުގައި އެކުގައި މަސްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް