އެތެރޭގެ މާކެޓަށް ހާއްސަކޮށްގެން ދެ ބިލިއަންނަށް ވުރެ ގިނަ ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ނިންމާ، އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން މިނިސްޓްރީ އިން ހުޅުވާލާފައިވަނީ 2،020.8 މިލިއަން ރުފިޔާ (2.02 ބިލިއަން ރުފިޔާ)ގެ ޓީބިލު ވިއްކުމަށެވެ.
އެއިން 40 މިލިއަން ރުފިޔާގެ ޓީބިލް 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކަން ހުޅުވައިލި އިރު، 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް 240 މިލިއަން ޓީބިލާއި 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 135 މިލިއަން ރުފިޔާގެ ޓީ-ބިލު ވަނީ ހުޅުވާލާފަ އެވެ. އަދި 365 ދުވަހުން އަނބުރާ ދައްކާ ގޮތަށް ވިއްކާ 1.6 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
މި ޓީބިލުތަކުގެ އިންޓަރެސްޓު ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގެ މިންވަރެކެވެ. އެއް މަސް ދުވަހުގެ ޓީ ބިލު ބިއްކަނީ 3.50 ގެ އިންޓަރެސްޓު ރޭޓުގަ އެވެ.
އާންމުކޮށް ކޮންމެ ހަފްތާއާއެކު ދައުލަތުން ޓީ-ބިލު ވިއްކާއިރު، މިދިޔަ ހަފްތާގައި ވެސް ގާތްގަނޑަކަށް 2.51 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކަން ހުޅުވައިލި އެވެ. ސަރުކާރުން ވިއްކާ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ނެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓީބިލްގެ އައުޓްސްޓޭންޑިންގ މިހާރު އުޅެނީ 27 ބިލިއަން ރުފިޔާގަ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި، މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް