ދެކުނު ކޮރެއާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.
އެ މަނިކުފާނު ޝުރު އަދާކުރެއްވީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޖިއޮންގް ވޫންޖިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހަށް އެރުވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
ފަތްކޮޅު އެރުވުމަށްފަހު، ދެކުނު ކޮރެއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ކޮރެއާއާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެކުނު ކޮރެއާ އިން ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޝުކުުރުއަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ބަލައިގަންނަކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ޤައުމުން ޝައުގުވެރިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައެއަށް ހެޔޮއެދުންތައް ފޮނުއްވާފަ އެވެ. އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ދެކުނު ކޮރެއާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް