ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ވިލިމާލެއަށް މިއަދު ހެނދުނު ވަޑައިގެން، އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ، އިސްވެރީންނާއި ބައްދަލުކުރައްވައިފި އެވެ.
ނައިބު ރައީސްވަނީ މިދަތުރުފުޅުގައި މުޙްޔިއްދީން ސްކޫލާއި، އެސްކޫލްގެ ޕްރީސްކޫލް ކެމްޕަހުގެ އިތުރުން ވިލިމާލެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މުޙްޔިއްދީން ސްކޫލާއި، އެ ސްކޫލްގެ ޕްރީސްކޫލް ކެމްޕަހަށް ކުރެއްވި ދަތުރުފުޅުގައި ދެ ސްކޫލްގެ ކިލާސްތަކަށް ޒިޔާރަތްކުރައްވާ، ކިޔަވާ ކުދިންނާއި ވާހަކަފުޅު ދެއްކެވި އެވެ. އަދި، ކިލާސްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު، މުޙްޔިއްދީން ސްކޫލްގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވާފައި ވެއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޤައުމަށް ފައިދާހުރި، މަސައްކަތްތެރި، ސްކޫލް ނިމޭއިރު ދިރިއުޅުމަށް ތައްޔާރުވެ މުޖުތަމަޢުއަށް ފައްކާވެފައިވާ ދަރިވަރުން އުފެއްދުމުގައި މުދައްރިސުންގެ ދައުރު ފާހަގަކުރައްވާފައި ވެއެވެ. އަދި، ތަޢުލީމީ ދާއިރާގެ މީހުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމަހޫރިއްޔާވެފައިވާ ވައުދުފުޅުގެ ވާހަކަވެސް ހަނދުމަކޮށްދެއްވި އެވެ.
މީގެ އިތުރުން، ޓެލެކިލާހާއި، އިންކްލޫސިވް އެޑިއުކޭޝަނާއި ސެން ދަރިވަރުން، އަދި ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާ އެކި މަސައްކަތްތަކާއި މެދު މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ އިސްވެރިން ވަނީ ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފަ އެވެ. އަދި ނައިބު ރައީސްވަނީ މުޙްޔިއްދީން ސްކޫލުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ވިލިމާލެ ހޮސްޕިޓަލަށް ކުރެެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ އިސްވެރިންވަނީ ހޮސްޕިޓަލުގައި ދިމާވާ ދަތިތައް އެމަނިކުފާނާ ހިއްސާކުރައްވާފަ އެވެ.
ޙާއްސަގޮތެއްގައި، ވިލިމާލެ ހޮސްޕިޓަލުގައި ޖާގައިގެ ދަތިކަންވަނީ ފާހަގަކުރައްވާފައެވެ. ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސްވަނީ ވިލިމާލެ ފެރީ ޓަރމިނަލްއަށް ވަޑައިގެން، ފެރީއަކަށް އަރުއްވާ، ޓަރމިނަލްގައި މަސައްކަތް ކުރިޔައްދާގޮތް ބައްލަވާ، އެތަނުގައި މަސައްކަތްކުރާ ފަރާތްތަކާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މިދަތުރުފުޅުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ އާއި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، އަޙްމަދު ސަމީރު އާއި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އާދަމް އާޒިމް އަދި، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް