ބެލެނިވެރިން ބޭނުންވި ގޮތަށް ޕްރިންސިޕަލް ބަދަލުކޮށްގެން ހިރިމަރަދޫ ސްކޫލްގެ ކިޔެވުން ފަށައިފި

ހދ. ހިރިމަރަދޫ ސްކޫލަށް އާ ޕްރިންސިޕަލަކު ހަމަޖައްސައި އެ ސްކޫލްގެ ކިޔެވުން މިއަދު ފަށައިފި އެވެ. އެ ޕްރިންސިޕަލަކީ ވަގުތީ ގޮތުން އެޑިއުކޭޝަނުން ހަމަޖެއްސި ބޭފުޅެކެވެ. އެ ސްކޫލަށް ވަގުތީ ގޮތުން އާ ޕްރ...

15 Aug 2021 | 08:47

ހދ. ހިރިމަރަދޫ ސްކޫލަށް އާ ޕްރިންސިޕަލަކު ހަމަޖައްސައި އެ ސްކޫލްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެ ޕްރިންސިޕަލަކީ ވަގުތީ ގޮތުން އެޑިއުކޭޝަނުން ހަމަޖެއްސި ބޭފުޅެކެވެ. އެ ސްކޫލަށް ވަގުތީ ގޮތުން އާ ޕްރިންސިޕަލަކު ހަމަޖައްސަން ޖެހުނީ ކުރިން ހުރި ބިދޭސީ ޕްރިންސިޕަލާއި މެދު ބެލެނިވެރިން ހިތްހަމަ ނުޖެހި ދަރިވަރުން ސްކޫލަށް ނުފޮނުވުމުންނެވެ.

ހިރިމަރަދޫ ކައުންސިލުން މީޑިއާގައި ބުނީ ސްކޫލްގައި ހުރި ބެލެނިވެރިން ހިތްހަމަ ނުޖެހޭ ކަންކަން ހައްލު ކުރުމަށް ޕްރިންސިޕަލާއި އެކު ކައުންސިލުން މަޝްވަރާ ކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިދިޔަ އަންގާރަ ދުވަހު ފެށުނު އިރު މިދިޔަ ހަފްތާގެ ތިން ދުވަހު އެ ސްކޫލް ދަރިވަރުން ސްކޫލަށް ފޮނުވާފައެއް ނުވެ އެވެ. ބެލެނިވެރިން ޑިމާންޑުކޮށްފައިވަނީ ދިވެހި ޕްރިންސިޕަލެއް ހަމަޖައްސައި ދިނުމަށާއި، ސްކޫލްގައި ބޮއްސުންލާފައި ހުރި ގިނަ ކަންކަން ރަނގަޅުކޮށްދިނުމަށެވެ.

ސްކޫލަށް ކުދިން ނުފޮނުވާތީ ސްކޫލްގެ ކިޔެވުން ދިރާސީ އާ އަހަރާއި އެކު ނުފެށުމުން އެޑިއުކޭޝަންގެ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ. އެކަމަކު ބެލެނިވެރިން ވަނީ ޕްރިންސިޕަލް ބަދަލުކޮށް ބޮއްސުން ލާފައިވާ ކަންކަން އިސްލާހު ކޮށްދޭން މުހުލަތެއް ދިނުމުން ނޫނީ ސްކޫލަށް ދަރިވަރުން ނުފޮނުވާނެ ކަމަށް ބުނެފަ އެވެ.

ހިރިމަރަދޫގެ އިތުރުން ދިރާސީ އާ އަހަރު ފެށިގެން ހަތަރު ދުވަހު ކިޔަވައި ދިން އިރު އަތޮޅު ތެރޭގެ ގިނަ ސްކޫލްތަކަށް އަދިވެސް ޓެކްސްޓް ފޮތްތައް ހަމައަކަށް ނުލިބެ އެވެ

އެކަމަކު އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތަކާއި ޓީޗަރުން ހަމަވާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް