ދަރަވަންދޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ!

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" މިރޭ ފަށާނެ އެވެ. މި ފިއެސްޓާގެ ކޯޑިނޭޓަރ އިބްރާހިމް ހުސާމިން ވިދާޅުވީ ފިއެސްޓާ ފެށުމުގެ ގޮތުން ޚާއްސަ ކަންތައް...

15 Aug 2021 | 06:09

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" މިރޭ ފަށާނެ އެވެ.

މި ފިއެސްޓާގެ ކޯޑިނޭޓަރ އިބްރާހިމް ހުސާމިން ވިދާޅުވީ ފިއެސްޓާ ފެށުމުގެ ގޮތުން ޚާއްސަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ކަންތައްތަކެއްކަމެއް އޭނާ ވިދާޅެއް ނުވެއެެވެ.

"އަޅުގަނޑުމެން މިރޭ މުބާރާތް ފެށުމަށް އެންމެފަހުގެ ތައްޔާރީތައް ވަމުން މިދަނީ. ޚާއްސަ ކަންތައްތަކެއް ވަނީ ރޭވިފަ. އެކަމަކު އެކަންކަން ބާއްވާނީ ސަޕްރައިޒްއަކަށް." ހުސާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަފްރާޙް ކަމަށެވެ.

މި ފިއެސްޓާގެ ގުރުއަތުލުން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވާފައިވާ އިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކިންގްސް ޔުނައިޓެޑާއި އެފްސީ ފެލްކޮން އެވެ. އަދި މިރޭ 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފެލްކޮން ޔުނައިޓެޑާއި އެފްސީ ކްރިއޭޗަރސް އެވެ. މިއީ ފިރިހެން ދެ މެޗެވެ.

މި ފިއެސްޓާގެ އަންހެން ބައިގެ ކުޅުން ފަށާނީ މާދަމާރޭ ފަށާއިރު، ފުރަތަމަ މެޗުގައި 20:30 ގައި ބައްދަލުކުރާނީ ދޮޔެންސް އާއި އައްތާ އެވެ. އަދި 21:30 ގައި ކުޅޭނީ ޗަނބޭލީ ރަނިން އާއި އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އެވެ.

މިއަހަރުގެ ފިއެސްޓާގައި އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ވަނީ ބައިވެރިވެފަ އެވެ. ކޮންމެ ރެއަކު ވެސް 2 މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.

އެރަށުގައި ފުޓްސަލް ކުރިއެރުމަށް 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް 2019 ވަނަ އަހަރާއި ހަމައަށް ކުރިއަށް ގެންދިޔައީ ހަމައެކަނި ފިރިހެނުންނަށެވެ. ނަމަވެސް 2020 ވަނަ އަހަރު އަންހެން ޓީމުތައް ވެސް ވަނީ ބައިވެރި ކޮށްފަ އެވެ.

އަލަށް އިންތިޚާބުވި ކައުންސިލުގެ ފަރާތުން މުބާރާތުގެ ނަން ބަދަލުކޮށް މިއަހަރުގެ މުބާރާތް ފިއެސްޓާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މިއަހަރުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ރަނަރއަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ފުޓްސަލް ކިންގް އަދި ފުޓްސަލް ކްއީން ގެ މަގާމު މިއަހަރު މުޅިން އަލަށް ހޮވާ، މި މަގާމަށް ހޮވޭ ކޮންމެ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއަހަރުގެ ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ. އަދި ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެމްޕްލަސް އެވެ.

ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021 ގެ ޓެލެކޮމް ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް