ބޮލީވުޑްގެ ބަތަލާ ރަވީނާ ތަންޑޯންގެ ދަރިފުޅު ރަޝާ ތަޑާނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިފި އެވެ.
ރަވީނާ ވަނީ ލިބުނު އުފާވެރިކަން ސަޕޯޓަރުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައި އެވެ. އޭނާ ބުނީ ރަޝާ އަކީ "އޭ ސްޓާ ބޭބީ ގާލް" ކަމަށެވެ. ރަވީނާ ބުނީ އޭނާ ހުރީ އުފަލުން ފޮޅިފައި ކަމަށެވެ.
ރަޝާ އައިޖީސީއެސްސީގައި އިމްތިހާނު ހަދާފައިވާ މާއްދާތަކުގެ ތެރެއިން ވޯލްޑް ލިޓްރޭޗާ، ފިޒިކަލް އެޑިއުކޭޝަން، ގްލޯބަލް ޕާސްޕެކްޓިވް އަދި އިންގްލިޝް އޭޒްއަ ފަސްޓް ލެންގުއޭޖުން ވަނީ އޭ ސްޓާ ހޯދާފައި އެވެ. އަދި ޖިއޮގްރަފީ އާއި ހިސްޓްރީއީން އޭ ފާސް ހޯދާފައިވެ އެވެ.
ރަޝާ އަކީ އާންމުކޮށް ކިޔެވުމާއި ކުޅިވަރާއި ހުނަރުވެރިކަމުން ރަވީނާއަށް އަބަދުވެސް ހިނިތުންވުން ގެނެސްދޭ ކުއްޖެކެވެ. އޭނާ ވަނީ ދާދިފަހުން ކޮރެއަން މާޝަލް އާޓުން ބްލެކް ބެލްޓު ހާސިލްކޮށްގެންވެސް ރަވީނާ ހެއްވާލާފައި އެވެ.
ރަވީނާ އާއި ފިރިމީހާ އަނިލް ތަޑާނީއަށް ލިބިފައިވަނީ ދެ ކުދިންނެ އެވެ. އެއީ ރަޝާގެ އިތުރުން ރަންބީރު ތަޑާނީ އެވެ. މީގެ އިތުރުން އެ ދެމަފިރިން 1995 ވަނަ އަހަރު ދެ އަންހެން ކުދިން އެޑޮޕްޓުކޮށްފައި އެވެ.
އެއީ ޗަޔާ ތަންޑޯން އާއި ޕޫޖާ ތަންޑޯން އެވެ. އޭގެ ތެރެއިން ޗަޔާ މިހާރު މީހަކާއި އިނދެ ދަރިއަކު ލިބިފައިވާއިރު އެ ކުއްޖާއަށް މާމައެއްގެ ލޯބި ދިނުމުގައިވެސް ރަވީނާ ވަރެއް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް