ކްލީމަން ބްރޭންޑްގެ ލިފްޓެއް އާރްސީސީ އެލިވޭޓަރސް އިން ކަލާފާނު ސްކޫލުގައި ބަހައްޓައިފި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕރވ ލމޓ (އާރްސީސީ) ގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އާރްސީސީ އެލިވޭޓަރސްއިން ކަލާފާނު ސްކޫލުގައި ހަރުކޮށްފައިވަނީ މަޝްހޫރު ކްލީމަން ބްރޭންޑްގެ ލިފްޓެކެވެ.
މިލިފްޓުގެ ބޭނުންކުރުން އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ކަލާފާނު ސްކޫލުގައި ބޭއްވި ހަފްލާއެއްގައި ނައިބު ރައީސް އަޙްމަދު ފައިސަލް އެވެ.
ކްލީމަން އަކީ ވިލާތުގެ މިންގަނޑު އީ އެން 81.1 އަށް ފެތޭ ކްރީސްގެ އުފެއްދުމެކެވެ. ވިލާތުގެ އީ އެން 81.1 މިންގަނޑަކީ ނުރައްކާތެރި ހާދިސާއަކަށް މަގުފަހިކުރުވަނިވި މައްސަލައެއް ދިމާވިޔަ ނުދިނުމަށްޓަކައި ލިފްޓު އުފެއްދުމުގައާއި ހަރުކުރުމުގައި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ މިންގަނޑެކެވެ. އަދި މިމިންގަނޑުގެ ސަބަބުން ލިފްޓު ބޭނުންކުރެވޭ މުއްދަތުވެސް އިތުރުކޮށްދެއެވެ.
އާރްސީސީއިން މައުލޫމާތު ދެއްވާގޮތުގައި މި މަރުކައިގެ 150 އަށްވުރެ ގިނަ ލިފްޓު މާލޭގައި މިހާރު ބަހައްޓާފައި ވެއެވެ. އަދި އެންމެފަހުން ކަލާފާނު ސުކޫލުގައި މިހަރުކުރެވުނު ލިފްޓުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި އަނިޔާއެއްގެ ސަބަބުން ދަތިކަން ދިމާވެފައިވާ ދަރިވަރުންނަށް ސްކޫލުގައި އެއްފަންގިފިލާއިން އަނެއް ފަންގިފިލައަށް ބުރައެއްނެތި ފަސޭހަކަމާއެކު ދެވޭނެ އެވެ.
އާރްސީސީ ކުންފުނިން މިވަގުތު ފޯރުކޮށްދޭ އިތުރު ވަސީލަތްތަކުގެ ތެރޭގައި ފެސެންޖަރ ލިފްޓުގެ އިތުރުން ކާގޯ ލިފްޓާއި، ސްޓްރެޗަރ ލިފްޓް އަދި ޑަމްވެއިޓަރ ހިމެނެ އެވެ. މަސައްކަތުގެ އިތުރުބާރާއި ސަލާމަތީ މިންގަނޑު ވަރުގަދަ ކްލީމަން ބްރޭންޑަކީ ދުނިޔޭގެ 70 އެތައް ގައުމެއްގައި ބޭނުންކުރަމުންދާ އުފެއްދުންތަކެކެވެ.
އާރްސީސީ އެލިވޭޓަރސްއަކީ މިމަސައްކަތުގައި ރާއްޖޭގެ މާރުކޭޓުގައި އެންމެ އިސްސަފުގައި ހިމެނޭ ކުންފުންޏެކެވެ. އަދި ކުންފުނީގެ އަމާޒަކީ އެންމެ ފެންވަރު ރަގަޅު ޚިދުމަތް ފޯރުކޮށްދިނުމާއިއެކު "ކްލައަންޓްސް ސްމައިލް 24/7" - ޚިދުމަތް ލިބިގަންނަ ފަރާތްތައް އަބަދުވެސް ހިތްހަމަޖައްސައިދިނުމެވެ.
ކުންފުނިން ޔަގީންކަން ފޯރުކޮށްދެއްވާކަމަކީ ކަމުގެ ތަމްރީނާއި ތަޖުރިބާހުރި ހީވާގި ޓެކްނީޝަނުން މެދުވެރިކޮށް ކޮންމެ ޚިދުމަތެއްވެސް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެކަމެވެ.
އާރްސީސީއިން މިވަގުތު ހުޅުމާލެގައި ކުރިއަށް ގެންދާ މައިގަނޑު މަސައްކަތްކަކީ ޑީ1 – ޑި1 ސެންޓްރަލް ޕާކް ޕްރޮޖެކްޓާއި ބްލޫ ހޭވަން ޕްރޮޖެކްޓާއި މާލެ ހައުސިންގ ޕްރޮޖެކްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް