ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ހުއްޓުމެއް ނެތި އަންނަނީ ކުރަމުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް މިޮހާރުގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެެވ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި 1.04 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި 3 ޕަންޕިންގ ސްޓޭޝަނާއި ސީ އައުޓް ފޯލެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ ކަަމށް ވެސް ބުންޏެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް މިމަޝްރޫޢުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
76,745,355.54 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ތަކަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް