ހިިރިލަންދޫ ކައުންސިލްގެ ރައީސް އާއި މެމްބަރަކު އެމްއެންޕީއަށް ސޮއިކޮށްފި

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފި އެވެ. އެމްއެންޕީއަކީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލ...

15 Aug 2021 | 04:03

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފި އެވެ.

އެމްއެންޕީއަކީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީސް މެމްބަރުންތަކެއް ގުޅިގެން އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ ތިން ހާސް މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ ފުރުސަތު އެ ޕާޓީއަށް ދީފަ އެވެ.

އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޖަލާލު ސޮއި ކުރެއްވީ ރޭ ބޭއްވި ހަފްލާއެއްގެ ތެރެއިން ނެވެ. އޭނާގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ނާޒިމް އެވެ.

ޖަލާލުގެ އިތުރުން ހިރިލަންދޫ ކައުންސިލްގެ މެންބަރު އަލީ އައްސަދު ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންފައެވެ. މި ދެ ބޭފުޅުންނަކީ އެ ރަށު ކައުންސިލަށް އަމިއްލަ ގޮތުން އިންތިހާބުވެފައި ތިއްބެވި ބޭފުޅުންނެވެ.

މީގެ އިތުރުން ތ. އަތޮޅުގެ އެކި ރަށްތަކުން އެ ޕާޓީއަށް 500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެމްއެންޕީން މައުލޫމާތުދެ އެވެ.

އެމްއެންޕީގެ އަމާޒަކީ ވީހާވެސް އަވަހަކަށް 10،000 މެންބަރުން އިތުރު ކުރުމެވެ. އެ އަމާޒަށް ވާސިލްވުމަށް މާލޭގައި ރެޖިސްޓްރޭޝަން އޮފީހެއް ހުޅުވާފައިވާއިރު އައްޑޫ ސިޓީގައި އޮފީހެއް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި އިތުރު ޓީމުތަކެއް ދަނީ އަތޮޅުތެރެއަށް ދަތުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް