މީގެ 16 އަހަރު ކުރިން އިންޑިޔާގެ ޔަމުނާ ކޯރުގައި އެގައުމުގެ ސަރުކާރުން ހެދި ބެރޭޖް އެއްގެ ސަބަބުން ގެއްލުނު ދަނޑުބިމުގެ ބަދަލު ނުދިނުމުން އެގައުމުގެ މަތުރާ އަވަށުގެ 25000 ދަނޑުވެރިން އެއްފަހަރާ އަމިއްލައަށް މަރުވާން ތައްޔާރުވަމުން އެބަދެއެވެ.
މި ދަނޑުވެރިން އިންޑިޔާގެ ރައީސް ޕްރަނާބް މުކުރްޖީއަށް ލިޔުނު ސިޓީއެއްގައި އިންޑިޔާގެ މިނިވަންދުވަހުގައި އަމިއްލައަށް މަރުވުމުގެ ހުއްދައަށްވަނީ އެދިފައެވެ.
މިދަނޑުވެރިންގެ އިސް ލީޑަރެއްގެ ގޮތުގައި ހަރަކާތްރެރިވަމުން އަންނަ ކިސަން ސަންހް ބުނެފައިވަނީ ހާލުގައި ޖެހިފައިވާ ދަނޑުވެރިންގެ މައްސަލާގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާކަމަށެވެ. މިމައްސަލާގައި ދަނޑުވެރިން ބޭނުންވަނީ ގެއްލުނު ދަނޑުބިމުގެ ބަދަލު ސަރުކާރުން ހޯދައިދީ، މިމައްސަލާގައި މުޒާހަރާކުރުމުގެ ސަބަބުން ހައްޔަރުކޮށްފައި ތިބި އެއަވަށުގެ ދަނޑުވެރިން އެއްވެސް ސަރުތުކުރުމަކާ ނުލައި ވަގުތުން ވަގުތަށް ދޫކޮށްލުމަށެވެ.
ހާލުގައި ޖެހިފައިވާ ދަނޑުވެރިއެއް ކަމުގައިވާ ރޫޕް ސިންހް ބުނެފައިވަނީ ތިމަންނަމެންގެ ހުރިހާއެއްޗެއް ގެއްލިއްޖެ ކަމަށާއި ދެން ބޭނުންވަނީ އަމިއްލަ ފުރާނަ ދުއްވާލަން ކަމުގައެވެ. އަދި މިކަމުގެ ހުއްދައަށް ރައީސުގެ ކިބައިން އެދޭކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގެއްލުނު 700 ހެކްޓަރުގެ ބިމުގެ ބަދަލުގެ ގޮތުގައި 25000 ދަނޑުވެރިންއަށް 8000 މިލިއަން ރުޕީސް، 122.8 މިލިއަން ޔޫއެސް ޑޮލަރު ލިބެން ޖެހެއެވެ.އިންޑިޔާގައި ދަނޑުވެރިން މިގޮތަށް އަމިއްލަ ފުރާނަ ދުއްވާލުމަކީ މަދުކަމެއްނޫނެވެ. 2009 ވަނަ އަހަރުވެސް މިފަދަ މައްސަލައެއްގައި އިންޑިޔާގެ 1500 ދަނޑުވެރިން ވަނީ އެއްފަހަރާ އަމިއްލައަށް މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް