"އެމީހުން ގަދަކަމުން އަހަރެން މިސްކިތުން ބޭރަށް ނެރެން މަސައްކަތްކުރި، ރޮމުން ބުނަމުންދިޔައިން، އަހަންނަކީ އެއްވެސް ގޮތެއް ނެތް ﷲގެ އަޅެކޭ މިސްކިތުން ނުނެރޭށޭ، ތިން ފަހަރަށް އެމީހުން އަހަރެން މިސްކިތުން ބޭރުކުރި" ބޭސްފަރުވާ ކުރުމަށް ޓްރިވެންޑްރަމްއަށް އައިސް އުޅޭ ތ ތިމަރަފުށީ އުމުރުން 80 އަހަރުގެ މޫސާ ހުސެއިން(މޫސަބެ) އިންޑިއާގައި މަގު އޮޅި ދިމާވި ހިތާމަވެރި ހާދިސާގެ ދުވަސް ނޫހާ ހިއްސާ ކުރި އެވެ.
މޫސަބެއާއި އޭނާގެ އަންހެނުން އަދި އަންހެން ދަރިއަކު މޫސަބޭގެ ބޭސްފަރުވާއަށް އިންޑިއާއަށް އައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އިންޑިއާގައި ގާއިމްވެ ތިބެނީ ގިނަ އަދަދަކަށް ދިވެހިން އުޅޭ ސަރަހައްދެއް ކަމަށްވާ ޓްރިވެންޑްރަމްގެ ކުމާރަޕޫރަމް ހިސާބުގަ އެވެ.
ކޮންމެދުވަހަކުވެސް ކޮންމެވެސް ވަރަކަށް ހިނގާލަން ޖެހޭނެކަން ޑޮކްޓަރު މޫސަބެއަށް ވަނީ އަންގާފައެވެ. އެ އެންގުމާއި އެއްގޮތަށް ދަރިއާއެކު ކޮންމެ ދުވަހަކުވެސް ހެނދުނުގަޑީގައި ހިނގާލަން ދެއެވެ. ފާއިތުވި ހަފްތާއެއް ދުވަހު ކޮންމެ ދުވަހަކު ހެނދުނުވެސް ހިނގާލަން ދެ އެވެ. ހިނގާލަން ދަނީ އަންހެންދަރި އަތުގައި ހިފައިގެންނެވެ. ފޫހިކަމެއްނެތި ކުމާރަޕޫރަމް ޖަންކްޝަނާއި މެޑިކަލް ކޮލެޖް ޖަންކްޝަނާއި ދެމެދު ކޮންމެ ދުވަހު މޫސަބެއާއި މޫސަބެގެ އަންހެންދަރި ތިން ހަތަރު ބުރު ޖަހައެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ކަންތައް ދިމާވީ އެހެން ގޮތަކަށެވެ. މޫސަގެ އަންހެންދަރި ހުރީ ރޯދައަށެވެ. އަދި ބައްޕަގޮވައިގެން އެމީހުން ގޭގައި އުޅޭ އެހެން ކުއްޖަކު ދާނޭ ކަމަށާއި ނަމަނަމަ އެކަނި ބޭރަށް ނުނިކުތުމަށް ބުދަދުވަހުގެ ރޭގެ ކާ މޭޒުމަތިން އަންހެން ދަރި، އޭނާގެ ބައްޕަ މޫސަބެއެއަށް ތަކުރާރުކޮށް ނަސޭހަތްތެރިވި އެވެ.
ގެއްލުނުގޮތް
"ނިކުތް އިރު އަންހެނުން ހުރީ ނަމާދަށް،ގަޑިން ވާނީ 6:30 ,ނިކުތީ އެކަނިވެސް ކުރިން ހިނގަންދާ ސަރަހައްދުގައި ހިނގާލެވޭނެކަމަށް ގަބޫލު ކުރެވޭތީ، ގެއިން ނިކުމެ ހިނގަމުންގޮސް އެތާނގައި އޮންނަ ކާށިތަޅާ ކިޔާ ހިސާބަކަށް ގޮސްފައި އަނބުރާލީ އެގޮތަށް އެތަނާ ގެއާ ދޭތެރޭގައި ދެބުރު ޖެހިފަހުން ނުބައި ގޯޅިއަކަށް ވަދެވުނީ، މާފަހުން އެކަން އެނގުނީ ދެން ހަމަ އުޅެ އުޅެ ގެއަށް ދާކަށް ނޭނގުނު" މޫސަބެއާ ދިމާވި ހިތްދަތި ހާދިސާ ދުވަހާ ހިއްސާ ކުރަމުން މޫސަބެ ކިޔައިދިނެވެ.
އުމުރުން 80 އަހަރުގެ މޫސަބެއަށް ދެވޭ ނުދެވޭ ތަނެއް ނޭނގި ހެނދުނު ގާތްގަނޑަކަށް 7:00 އިން މެންދުރު 12:00 އާ ދެމެދު އިންޑިއާގެ މަގުތަކުގައި ހިނގި އެވެ. ގެއަށް ދެވޭތޯ އެވެ. މޫސަބެއަކީ އަބަދުވެސް ނަމާދަށް ފަރުވާތެރި،ފަސްވަގުތު ނަމާދުކުރާ މީހެއްކަމުން އަތުގައި އޮތް ގަޑިއަށް ބެލުމަށްފަހު 12 ޖެހުމުން މޫސަބެ ނިންމީ ގެ ނުފެނުނަސް މިސްކިތެއް ހޯދުމަށެވެ. މެންދުރު ނަމާދު ކުރުމަށެވެ. އާއިލާއާ ބައްދަލު ކުރައްވާތޯ ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމަށެވެ.
މިސްކިތައް ދިޔަ ގޮތް
"ދުއްވާފައި ދިޔަ ކުރޮޅިއެއް ހުއްޓުވީ، ހަރަކާތުން ދައްކާފައި ބުނީ ބޭބެ މިސްކިތަކަށް ގެންގޮސްދޭށޭ، އިރުކޮޅަކު ދުއްވުމަށްފަހު މިސްކިތެއްކައިރީ ކުރޮޅި މަޑުކޮށްލުމުން އެރީ މިސްކިތައް، ލާރި ދޭކަށް ކުރޮޅި ޑްރައިވަރު ނުބުނޭ، ވުލޫކޮށްލައިގެން މެންދުރު ނަމާދުކޮށްގެން ސުންނަތް ދެރަކުއަތުގެ ނަމާދެއް ކުރުމަށްފަހު ދުއާ ކުރަން ފެށީ"މޫސަބެ މިސްކިތަށް ދިޔަގޮތް ދުވަހާ ހިއްސާކުރި އެވެ.
މިސްކިތުގައި ދުއާ ކުރުމުގައްޔާއި ނަމާދުކުރުމުގައި އިންއިރު މޫސަބެ ދިޔައީ ރޮމުންނެވެ. މިސްކިތުގައި ތިބި މީހުންނަށް އެކަން ފާހަގަކުރެވިގެން މޫސަބެއާ ސުވާލު ކުރަން ފެށިއެވެ. އެއީ އިންޑިއާ މީހުން ކަމުން އެމީހުން ދައްކާ ވާހަކައެއް މޫސަބެއަކަށް ނޭންގެއެވެ. މޫސަބެ ދައްކާ ވާހަކައެއް އެމީހުންނަކަށް ފަހުމެއް ނުވެ އެވެ. އެމީހުން ހީކުރީ ސަލާން ޖަހާ މީހެއް ކަމަށެވެ. އެކަކު 10 ރުޕީސް އަނެކަކު 50 ރުޕީސް އަނެކަކު 5 ރުޕީސް މޫސަބެއަށް ދިނެވެ. މިސްކިތުން ދިމާވި ބައެއް މީހުން މޫސަބޭހެ އައިޑީކާޑު ކޮބައިތޯ އާއި ޕާސްޕޯޓްކޮބައިތޯ އެހިކަން މޫސަބެއަށް ފަހުމްވިއެވެ. ނަމަވެސް މޫސަބެ ދިވެހިބަން ކިޔަމުން ގެންދިޔައީ "މި ނިކަމެތި އަޅާއަށް އެއްވެސް ގޮތެއް ނެތޭ، ﷲ ފިޔަވައި އެއްވެސް ގޮތެއް ނެތޭ، ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތޭ، ހިނގާލަން ނިކުތް ގޮތަށް ގެއްލުނީއޭ" އެވެ.
މޫސަބެ ހުރީ ބުދަ ދުވަހުގެ ރޭ އާއިލާއާއެކު ރޭގަނޑުގެ ކެއުން ކޭ ގޮތަށެވެ. ގެއިން ނިކުތީ އެއްވެސް އެއްޗެއް ނުކައެވެ. ފެންފޮެދެއްވެސް ނުބޮއެ އެވެ. ބަނޑުހައިހޫނުކަމުގެ އިހުސާސް ކިތަންމެ ވަރަކަށް ކުރެވުނުނަމަވެސް މިސްކިތުން ނިކުންނާކަށް މޫސަބެ ބޭނުމެއް ނުވިއެވެ. ބޭނުންވީ ނަމާދުކޮށް ކިޔަވާ ދުއާ ކުރުމަށެވެ.
ދެވަނަ ފަހަރު މިސްކިތުން ބޭރުކުރި އަދި އެހެން މިސްކިތަކަށް ގެންދިޔަ
"އަސުރު ނަމާދުވަގުތު ޖެހުމުން ނަމާދުކޮށްލައިގެން ކިޔަވަން އިނީ ހަވީރު ފަހެއް ޖަހަންދެން، މީހަކު އައިސް ބުނެފި މިސްކިތުން ނިކުންނާށޭ، ބުނެފިން ނުނިކުންނާނަމޭ ﷲގެ ގެއޭ، ނިކަމެތި އަޅާ ދާނެ އެއްވެސް ތަނެއް ނެތޭ، އެމީހާ ކުރެއް ނުކުރި، އަތުގައި ހިފާގެންގޮސް މިސްކިތުން ބޭރުކޮށްފި، ދެން އިނީ މިސްކިތު ދޮރާ ދިމާލުގައި ރޯން، ކުއްޖަކު އައިސް ކޯކު ފުޅިއެއް ދިއްކޮށްލި، ކޯވަރެއް ބޯލި އިރަށް މެއަށް ތަދުވާން ފެށީ، ދެން އެ ފުޅި ބެހެއްޓީ ކައިރީގައި" ރޮމުން ގިސްލަމުން މޫސަބޭގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.
މޫސަބެ ކިޔައިދިންގޮތުން މަގްރިބް ނަމާދަށް މިސްކިތަށް މީހުން އައުމުން އަނެއްކާވެސް މޫސަބެ މިސްކިތުގެ އެތެރެއަށް ދިޔައެވެ. އަދި މަގްރިބް ނަމާދުކޮށްގެން ދުއާ ކުރުމުގައި މިސްކިތުގައި މަޑުކުރަން މޫސަބެ ބޭނުންވިއެވެ. ނަމަވެސް މޫސަބެއަށް މިސްކިތުގައި އިނދެވުނީ އިޝާ ނަމާދު ނިމި ގާތްގަނޑަކަށް ނުވައެއް ޖަހާންދެނެވެ. މިސްކިތް ބަންދު ކުރަން މިސްކިތާ ހަވާލުހުންނަމީހާ ކަމަށް ބެލެވޭ މީހަކު އައިސް އަނެއްކާވެސް މޫސަބެ މިސްކިތުން ބޭރު ކުރަން މަސައްކަތް ކުރި އެވެ. ކުރުނުކުރުމުން މި ފަހަރުވެސް ތިން މީހަކުވެގެން މޫސަބެ މިސްކިތުން ބޭރު ކުރިއެވެ.
"މިސްކިތުން ބޭރުގައި ރޯން އިންދާ ކުރިންވެސް މިސްކިތުން ދިމާވި ދެމީހަކު އައިސް ބުނީ ބަހަކަށް އަރާށޭ، އޭގެ ތެރެއިން އެކަކު އަހަންނާއެކު ބަހަކަށް އެރި، އަހަރެން ހީކުރީ އާއިލާގާތަށް ދެވެނީ ކަމަށް. 20 ވަރަކަށްމިނެޓް ދުއްވުމަށްފަހު ބަސް މަޑުކުރީ މިސްކިތެއް ކައިރީގައި އެއީ ވަރަށް ބޮޑު މިސްކިތެއް، އެ މިސްކިތުގެ ގޯތި ތެރޭގައި ބައެއް މީހުންގެ ފޮށިތަންމަތިވެސް ހުރި ބައެއް މީހުން ނިދަންވެސް ތިބި، މިސްކިތަށް ވައްދާފަ އެމީހުން ދިޔައީ" މޫސަބެ ކިޔާދިނެވެ.
ދިވެހި ދަންނަ މީހަކާ ދިމާވުން
މިސްކިތުގައި ނަމާދު ކިޔެވުމުގައްޔާއި ރުއިމުގައި އަދި ނަމާދު ކުރުމުގައި އިންދާ ދިވެހި ދިވެހިން ވާހަކަދައްކަން އެނގޭ އިންޑިއާ މީހަކު މޫސަބެއާ ވާހަކަ ދެއްކި އެވެ. (ބެލެވޭ ގޮތުގައި އެއީ ކުރޮޅި ދުއްވާ މީހެއް، ދިވެހިން ވާހަކަ ދައްކަން އެނގުނީ ދިވެހިން ގޮވައިގެން ކުރޮޅީގައި ދަތުރު ކޮށްކޮށް) މޫސަބެއަށް ދިމާވިގޮތް އޭނާއަށް ކިޔައިދިނެވެ. އަދި އެކަމުގައި އެހީތެރިވުމަށް ތަކުރާރުކޮށް އެދުނެވެ. އޭރު ގަޑިން ގާތްގަނޑަކަށް ރޭގަނޑު 10:30 ވެދާނެ ކަމަށް މޫސަބެ ކިޔައިދިނެވެ. ދިވެހި ދަންނަ މީހާ މޫސަބެ ގާތު ބުނީ ހިތްވަރު ކުރުމަށެވެ. އާއިލާއާ ބައްދަލުކޮށްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ބުނެ އެމީހާވެސް ނިކުމެގެން ދިޔައީއެވެ.
ދެމިސްކިތް ދެމެދުގަ ހުރި ދުރުމިން : އެންމެ ފުރަތަމަ މޫސަބެ އިނީ ކުމާރަޕޫރަމްގެ "ޖުމްއާ" މިސްކިތުގަ، ބަހަކަށް އަރުވައިގެން މޫސަބެ ގެންދިޔައީ ޕާޅިއަމްގައި ހުންނަ "ވައްޓަޕަރަ ޖުމްއާ" މިސްކިތައް
އެ މިސްކިތުންވެސް ބޭރުކުރި
ގާތްގަނޑަކަށް 12:30 ހާއިރު ދެމީހަކު އައިސް މިސްކިތުން ބޭރަށް ނިކުންނަން އެދުނު ކަމަށާ އަދި އެކަމަށް ދެކޮޅުހެދުމުން ތިން ހަތަރު މީހަކު އައިސް ގަދަކަމުން މޫސަބެ މިސްކިތުން ބޭރުކުރި ކަމަށް މޫސަބެ ކިޔައިދިނެވެ.
"ފުރަތަމަ ދެމީހަކު އައިސް ބުނީ މިސްކިތުން ނިކުންނާށޭ، އެކަމަށް ދެކޮޅު ހެދުމުން ދެން އައީ ހަތަރު މީހުން އައިސް އުފުއްލާލައިގެން ބޭރަށް ނެރުނީ، އެންގީ މިސްކިތުން ބޭރުގަ މަޑު ކުރުމަށް، އޭރު ވަރުބަލިވެންނާއި ބަނޑުހައިހޫނުކަމުން އޭގެން މީހެއްގެ މޫނުވެސް ސާފުނުވޭ، މިސްކިތުން ބޭރުގައި އިނދެވެސް ދުއާ ކުރަމުންދިޔައިން އާއިލާއާ ބައްދަލުކުރައްވާތޯ ކެނޑިނޭޅި ރޮމުން ދުއާކުރަމުންދިޔައިން" މޫސަބެ ކިޔާދިނެވެ.
އާއިލާއާ ބައްދަލުވާގޮތްވުން
މިސްކިތު ބޭރުގައި ރޯން އިންދާ މިސްކިތުން ކުރިން ދިމާވި ދިވެހި ދަންނަމީހާއާއި އިތުރު މީހަކު ކުރޮޅިއެއްގައި އައި މޫސަބެ ގާތުގައި އެ ކުރޮޅިއަށް އެރުމަށް އެދުނެވެ. މޫސަބެ އެ ކުރޮޅިއަށް އެރުމުން އެމީހުން މޫސަބެ ގޮވައިގެން ދިޔައީ ޓްވިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހަށެވެ. އޭރު މޫސަބެ ފެނުނު ވާހަކައާއި މޫސަބެ ބަލާ އައުމަށް ދިވެހި ކޮންސިއުލޭޓުން މޫސަބޭގެ އާއިލާއަށް ވަނީ އަންގައިފަ އެވެ. މޫސަބެ ދިވެހި ކޮންސިއުލޭޓަށް ދިޔައިރު މޫސަބޭގެ އަންހެންދަރި ދިވެހި ކޮންސިއުލޭޓް އޮފީހުގައި ހުއްޓެވެ. މޫސަބެ ބުނީ ދަރިފުޅު ފެނުމުން ވީ އުފާ ބުނަންވެސް ނޭނގޭ ކަމަށާއި ނަމަވެސް ބަނޑުހައިހޫނުކަމާއި ވަރުބަލިކަން ހުރިވަރުން ހޭންވެސް އަދި ރޯންވެސް އެވަގުތު ނޭންގުނު ކަމަށެވެ. މޫސަބެ ހުރީ ގަބުވެ ބަސް ހުއްޓިފަ އެވެ.
އާއިލާގެ ބަސް
މޫސަބެ ގެއްލުމާއި ފެނުނު ހަބަރުތައް މީޑިއާތަކުގައި ގެނެސްދީފައިވާއިރު އާއިލާ މީހަކާ ހަވާލާދީ ބުނެފައިވަނީ މޫސަބެ ހިނގާލަން ދިޔައީ އަންހެންދަރިއާއި މޫސަބެގެ އަންހެނުން ގާތުގައި ބުނުމަށްފަހުގައި ކަމަށެވެ. ނަމަވެސް މޫސަބެއާއި އާއިލާގެ ވާހަކައިން އެއީ އެކަން ހިނގިގޮތް ނޫންކަން އެނގެ އެވެ. މޫސަބޭގެ އަންހެންދަރި ބުނީ އެކަނި ބޭރަށް ނުދިއުމަށް ތަކުރާރުކޮށް ބައްޕައަށް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށެވެ. މޫސަބެވެސް ބުނީ އެގޮތަށް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށާއި ބޭރަށް ނިކުންނަ ނަމަ އަންހެންދަރި ގާތުގައި އަބަދުވެސް އަތުގައި ހިފައިގެން ހުންނަ ކަމަށެވެ.
މޫސަބޭގެ ނަސޭހަތް
ދިމާވި ހިތްދަތި ހާދިސާ ދުވަހާ ހިއްސާކުރުމަށްފަހު މޫސަބެ ބުނީ ކޮންމެ ކުއްޖަކުވެސް ފަސްވަގުތު ނަމާދުކުރުމަށް އާދަކުރަން ވާނެ ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދާނެ މަންޒިލެއް ނޭންގިއްޖެނަމަ މިސްކިތެއް ހިޔާރުކުރުކޮށް މާތް ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމުގައި ހިތްވަރާއެކު ދެމި ހުންނަން ވާނެ ކަމަށެވެ. މާތް ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް ނުދައްކަވާނެ ކަމަށެވެ.
މޫސަބެ އެބުނީ ރަނގަޅުވާހަކައެކެވެ. 12 ޖެހުމާއެކު ގެ ހޯދަން މަގުމަތީގައި އުޅުމުގެ ބަދަލުގައި މިސްކިތަށް ދިއުމަށް މޫސަބެ ނިންމީ ނަމާދަށް ބަންގި ގޮވައިފިނަމަ ރަށުގައިވެސް މޫސަބެއަކީ މިސްކިތަށް ދާ މީހަކަށް ވާތީއެވެ. ބަރާބަރަށް ފަސް ވަގުތު ނަމާދުކުރާ މީހެއް ކަމަށްވާތީ އެވެ. އޭރު މިސްކިތައް ނުގޮސް ގެ ހޯދުމުގައި މަގުމަތީގައި މޫސަބެ ކޮޅުކޮޅަށް ހިނގިނަމަ މޫސަބެއަށް އަނބުރާ އާއިލާއާ ބައްދަލު ކުރެވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެއީ މޫސަބެ ކިޔާދިން ގޮތުންނާއި އާއިލާއިން ކިޔާދިން ގޮތުން އަދި މޫސަބެ ދިޔަ މިސްކިތަށް ބަލާއިރު މޫސަބެއަށް ދެވިފައިހުރީ އާންމުކޮށް ދިވެހިން އުޅޭ ސަރަހައްދާ ދުރަށެވެ.
ނަމަވެސް އާއިލާއާ ބައްދަލުވާންދެން ހިޔާވެއްސެއްގެ ގޮތުގައި މިސްކިތް ހިޔާރުކޮށް ނަމާދުކުރުމުގައްޔާއި ކިޔެވުމުގައި އަދި ދުއާ ދެންނެވުމުގައި ދުވަސް ހޭދަކުރުމުން މާތް ﷲ މޫސަބޭގެ ދުއާ އިޖާބަ ކުރެއްވީ އެވެ.
އިންޑިއާއިން އަޒްމީ އަލީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް