ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށް ރަޝިޔާއަށް 50 ދުވަހުގެ މުހުލަތެއް އެމެރިކާއިން ދީފި

ރަޝިޔާއިން ޔުކްރެއިންއަށް ދެމުންގެންދާ ހަމަލާތައް ނިންމުމަށް 50 ދުވަހުގެ މުހުލަތެއް އެމެރިކާއިން ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާ...

14 Jul 2025 | 23:58

ރަޝިޔާއިން ޔުކްރެއިންއަށް ދެމުންގެންދާ ހަމަލާތައް ނިންމުމަށް 50 ދުވަހުގެ މުހުލަތެއް އެމެރިކާއިން ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ނާންނަނަމަ، ރަޝިޔާއާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ޤައުމުތަކަށް އަމާޒުކޮށް 100 އިންސައްތައިގެ ޓެރިފްއެއް ތަޢާރަފުކުރުމާއެކު، އިތުރު އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވެއެވެ.

ވައިޓް ހައުސްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރައީސް ޓްރަމްޕް ވަނީ، ނޭޓޯއިން އެމެރިކާގެ ހަތިޔާރު ގަތުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގެ ވާހަކަ ހާމަކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް، ޔުކްރެއިނަށް އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހަތިޔާރުތައް ހިމެނެއެވެ.

މި ފިޔަވަޅަކީ ރައީސް ޓްރަމްޕްގެ ކުރީގެ ނިންމުމާއި ހިލާފަށް އެޅި ފިޔަވަޅެކެވެ. ކުރިން ޓްރަމްޕް މަސައްކަތް ކޮށްފައިވަނީ ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިންއާއެކު ސުލްހަވެރި އެއްބަސްވުމަކަށް އާދެވޭތޯއެވެ. އެހެންނަމަވެސް، ރަޝިޔާއިން ވަނީ ޔޫކްރެއިންއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައެވެ. ޖޫން މަހަކީ ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން އާންމު ރައްޔިތުންގެ އެންމެ ގިނައިން މަރުވި މަސް ކަމުގައި ރިޕޯޓުކުރެވިފައިވެއެވެ.

އެމެރިކާގެ އިސް އޮފިޝަލެއް ވަނީ ޔުކްރެއިންގެ ވެރިރަށް ކީވްގައި ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވާ، ވައިގެ ދިފާޢީ ނިޒާމާއި އިތުރު ހަތިޔާރު ގުޅިގެން އުފެއްދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަނޑިވަޅުގައި، ރަޝިޔާގެ ބާރުތަކުން ވަނީ ޑޮނެޓްސްކް އަދި ޒަޕޮރިޒިއާގައި އިތުރު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ބުނެފައެވެ.

ރައީސް ޓްރަމްޕް ވަނީ މޮސްކޯއިން މި އިންޒާރަށް އިޖާބަ ނުދޭނަމަ، "އެންމެ ހަރުކަށި" ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް