ތިން ނައިބުންގެ ސަސްޕެންޝަން މުއްދަތުގައި މުސާރައިގެ ގޮތުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ!

އިންޑިޔާގެ ބޮޑު ވަޒީރު، ނަރެދްރަ މޯދީއަށް ފާޑު ކިޔުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައިވާ ތިން ޑެޕިއުޓީ މިނިސްޓަރުންނަށް ސަސްޕެންޝަން މުއްދަތުގައި މުސާރާއިގެ ގޮތުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފަ...

15 Jul 2024 | 11:41

އިންޑިޔާގެ ބޮޑު ވަޒީރު، ނަރެދްރަ މޯދީއަށް ފާޑު ކިޔުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައިވާ ތިން ޑެޕިއުޓީ މިނިސްޓަރުންނަށް ސަސްޕެންޝަން މުއްދަތުގައި މުސާރާއިގެ ގޮތުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައި ވެއެވެ.

އިންޑިޔާގެ ބޮޑު ވަޒީރަށް ފާޑު ކިރުމުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހު ހަތް ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވަނީ، ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މަލްޝާ ޝަރީފްއާއި، މަރިޔަމް ޝިއުނާ، އަދި އަބްދުﷲ މަހުޒޫމް މާޖިދުއެވެ. މި ތިން ޑެޕިއުޓީ މިނިސްޓަރުންނަށް މަހު މުސާރާއިގެ ގޮތުގައި 31،500 ރުފިޔާ ދެއެވެ.

މިގޮތުން ސަސްޕެންޝަންގެ މުއްދަތުގައި ކޮންމެ މީހަކަށް ޖުމްލަ 189،000 ރުފިޔާ ދީފައި ވެއެވެ. އެކު ޖުމްލަ އެއީ 567،000 ( ބައި މިލިޔަން ފަސްދޮޅަސް ހަތް ހާސް ރުފިޔާ) އެވެ.

މި ބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ، އިންޑިޔާގެ ބޮޑު ވަޒީރު ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ވީޑިއޯއެއް އާއްމުކުރުމުން، އިންޑިޔާގެ ބޮޑު ވަޒީރާއި އިންޑިއާއަށް ކުޑަމީސްކޮށް މީސްމީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާތީއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އެ ބޭފުޅުންނަށް ފިޔަވަޅުއެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހުތިރާމް ކުޑަވާ ގޮތަށް އެ ބޭފުޅުން ވާހަކަ ދައްކާފައި ވަނީ، އެއީ ސަރުކާރުގެ ހިޔާލުތައް ނޫން ކަމަށާއި އެއީ އެބޭފުޅުންގެ އަމިއްލަ ހިޔާލު ކަމަށެވެ.

މިކަމާއި ގުޅިގެން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުންވެސް ސަސްޕެންޝަން ގައި ތިބީ މުސާރަ ލިބޭ ގޮތަށެވެ. އަދި މަގާމުން ސަސްޕެންޑް ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އެ ބޭފުޅުންނަށް އަޅާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް