ޚަރަދު ކުޑަކުރުމުގެ މެޒާސް ނެގުމުގެ ގޮތުން އަބަދު ޓޭކއަވޭ ހަދައިގެން ކާ ކެއުން ހުއްޓާލައި ގަރުދިޔައާ ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން އެބަޖެހޭ ކަމުގައި ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އަލީ އާރިފް މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ މީހަކު ބައްޔެއް ވީމާ އެއަށް ޝިފާއެއް ލިބެން އޮތީ ހިތި ބޭހެއް ބޮއެގެން ކަމުގައި ވަންޏާ އެ ހިތި ބޭސްވެސް ބޯންޖެހޭ ކަމަށެވެ.
"ތެދެއް ދަތި ދުވަސްކޮޅެއް، އެކަމަކު މި ރާއްޖެ ބަނގުރޫޓެއް ނުވޭ، މި ދުވަސްކޮޅު މި ޖެހެނީ އަބަދު ޓޭކްއަވޭ ހަދައިގެން ކޭ ކެއުން ހުއްޓާލާފަ ކޮންމެވެސް ވަރަކަށް އަމިއްލައަށް ކައްކައިގެން ގަރުދިޔައާ ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން" އަލީ އާރިފް ވިދާޅުވިއެވެ.
އަލީ އާރިފް ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގައި ދުވަސް ވީ މީހުންގެ އިނާޔަތާއި ކިޔަވާ ކުދިންނަށް ދޭ އިނާޔަތާއި އެކަނިވެރި މައިންނަށް ދޭ އިނާޔަތާއި އާސަންދަ ކަނޑާނުލާކަމަށާއި ކުރާ ކަމަކީ ބޮޑެތި ޖަލްސާފަދަ ކަންކަން މަޑު ޖައްސާލައި ކުޑަގޮތަކަށް އެކަން ނިންމާލުންފަދަ ކަންކަން ކަމަށެވެ.
އޭނާ ވިދާޅުވީ ދާއިމީ ހައްލެއް ލިބެން އަންނަނީ އެބުނާ ހިތި ބޭހެއް ބޮއެގެން ކަމަށާއި ކެންސަރު ތަނެއް ނޫނީ ގުނަވަނެއް ނަގައިގެން ނޫނިއްޔާ ހޯޕެއް ނެތްކަމަށް ޑަކުޓަރު ވިދާޅުވުމުން ހިތާ ދެކޮޅަށްއެކަން ކުރާ ކަމަށެވެ. މިވަގުތު ކުރެވޭ ކަންތަކީ އެއީ ކަމުގައި އަލީ އާރިފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް