އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުތައް އާންމުކޮށްފިއެވެ.
މި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި, ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެންބަރާއި، ފ.ބިލެތްދޫ ކައުންސިލްގެ ރައީސާއި، ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ.
މި ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިހާރު ވަނީ އާންމުކޮށްފައެވެ.
މި ލިސްޓުތައް ދިވެހި ސަރުކާރުގެ ގެޒެޓާއި، އީސީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު ޖުލައި 15 ވާ ހޯމަ ދުވަހު ހެނދުނު 10:00 އިން މެންދުރު 02:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
ސޮއިކުރުމުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާގަ (ޕީއޭ ކޮމްޕްލެކްސް) ގައެވެ.
އީސީއިން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށެވެ.
މި ބައި-އިލެކްޝަންތަކުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅެކެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް:
1. މައްޗަންގޮޅި މެދު ދާއިރާ:
ކެންޑިޑޭޓު ނަންބަރު 1 - ފާތިމަތު އިޝާން ޢަލީ، އައިނާއެޑަމްސް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ކެންޑިޑޭޓު ނަންބަރު 2 - ޙައްވާ ޝިފާނާ، މއ. ރިހިރާޅު/ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
2. ހެންވޭރު ހުޅަނގު ދާއިރާ:
ކެންޑިޑޭޓު ނަންބަރު 1 - ފާތިމަތު ޝައުފާ ސަލީމް، ހ.އިސްފަހާން / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ކެންޑިޑޭޓު ނަންބަރު 2 - މުޙައްމަދު ޢަލީ ޖިނާދު، ހ.ގްރީންޒެސްޓް / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
3. ހުޅުމާލެ ދާއިރާ މެންބަރު:
ކެންޑިޑޭޓު ނަންބަރު 1 - ޢަލީ އައިމަން، ހ. ފުޖޭރާ/ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ކެންޑިޑޭޓު ނަންބަރު 2 - އަޙްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3/ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
4. ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު :
ކެންޑިޑޭޓު ނަންބަރު 1 - ޝަމްނޫޒް މުޙައްމަދު ނަޢީމް، ފަގުޑި/ ހދ.ކުޅުދުއްފުށި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ކެންޑިޑޭޓު ނަންބަރު 2 - އިބްރާހީމް އަޙްމަދު، ވަވަތި / ހދ.ކުޅުދުއްފުށި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
5. ބިލެތްދޫ ކައުންސިލްގެ ރައީސް:
ކެންޑިޑޭޓު ނަންބަރު 1 - އަރީޙް އިސްމާޢީލް، ސާމަރާމަންޒިލް/ފ.ބިލެތްދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ކެންޑިޑޭޓު ނަންބަރު 2 - ޝާއިލް މާހިރު، ރަތްވިލާގެ / ފ.ބިލެތްދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
6. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު:
ކެންޑިޑޭޓު ނަންބަރު 1 - ޝަމްލާ ވާފިރު، މުރިނގު / ރ.ރަސްމާދޫ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ކެންޑިޑޭޓު ނަންބަރު 2 - ޢާއިޝާތު ޝަރަފިއްޔާ، ނޫރާނީގެ / ރ.ރަސްމާދޫ، އަމިއްލަގޮތުން
މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް ޖުމްލަ 25 ފޮށި ބަހައްޓާނެއެވެ.
މާލެ ސަރަހައްދުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ތެރޭގައި ޖަމާލުއްދީން ސްކޫލާއި, މަޖީދިއްޔާ ސްކޫލާއި ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރެހެންދި ސްކޫލާއި ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދިދީ ޕްރައިމަރީ ސްކޫލް ހިމެނެއެވެ.
މަޖީދިއްޔާގައި 06 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި.
ޖަމާލުއްދީނުގައި 07 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި.
ރެހެންދި ސްކޫލުގައި 07 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި.
ކާމިލް ދިދީ ޕްރައިމަރީ ސްކޫލުގައި 01 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި.
މި ބައި-އިލެކްޝަންތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ވެސް އީސީއިން މިހާރު ވަނީ ހަމަޖައްސައިފައެވެ.
އީސީއިން ބުނެފައިވަނީ އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށާއި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި ފޯމު އީމެއިލް ކުރައްވާނީ އެ ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ، [email protected] އަށް ކަމަށެވެ.
މީގެއިތުރުން ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކަމަށާއި ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އީސީގެ ވެބްސައިޓުން ލިބޭނެއެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ވޯޓު ގުނަން ފަށާނެއެވެ.
ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް އީސީއިން ބުނެފައިވެއެވެ.
މި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ ހޯމަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް