އިމިގްރޭޝަންގެ އޮޕަރޭޝަނުގައި އިތުރު ބިދޭސީންތަކެއް އަތުލައިގަނެ, ދެ ފިހާރަ ބަންދުކޮށްފި

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން, އިތުރު ހަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަ...

14 Jul 2024 | 22:26

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން, އިތުރު ހަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ, ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނަކާއި ދެ ފިހާރައާއި ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ބިދޭސީ ހަ ފިރިހެނުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ބިދޭސީން ވިޔަފާރި ކުރަމުންދިޔަ ދެ ފިހާރައެއް ބަންދުކުރެވިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުޅުމާލޭ ފޭސް 1 ގައި ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ ފުރަތަމަކޮޅު ވަނީ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެއިތުރުން މި މަހުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ވަނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 6 ފިރިހެނުންނާއި އަންހެނަކު ވެސް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބިދޭސީންގެ ޖުމްލަ އަދަދު އަދި ސާފެއް ނުވެއެވެ. ނަމަވެސް އިމިގްރޭޝަނުން އާންމުކުރަމުންދާ މައުލޫމާތުތަކުން ދައްކާ ގޮތުގައި, މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ފަންސާހާ ގާތްކުރާ އަދަދަކަށް ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް