ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތިން ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީސީއިން ރޭގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ސިޔާސީ ތިން ޕާޓީއެއް ޖޫރިމަނާކުރަން, އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން 50,000 ރ. އިން ޖޫރިމަނާކޮށްފައިވަނީ, ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި, ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު, އޮޑިޓް ރިޕޯޓު އީސީއަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.
އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ, އެއްވެސް ޕާޓީއަކުން މި ގާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ ނުވަތަ މި ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ, 20,000 ރުފިޔާއާއި, 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް