ޝަރީފަކީ ޚުލްގު ހެޔޮ, ދީލަތި ބޭފުޅެއް, ނިޔާވީ މިސްކިތްތައް ބިނާކުރަން އެހީވާން ނިންމަވައިފައި ވަނިކޮށް

ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމުގައިވާ އޯޒެން ރިޒާވް ބޮލިފުށި ކުއްޔަށް ނަންގަވައިފައިވާ ޙުސައިން ޝަރީފް (ބޮލިފުށި ޝަރީފް) މިއަދުގެ ވަގުތެއްގައި (ޖުލައި 14) ވަނީ ނިޔާވެފައެވެ. ހ.މިރިހި, ޝަރީފް...

14 Jul 2024 | 20:20

ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމުގައިވާ އޯޒެން ރިޒާވް ބޮލިފުށި ކުއްޔަށް ނަންގަވައިފައިވާ ޙުސައިން ޝަރީފް (ބޮލިފުށި ޝަރީފް) މިއަދުގެ ވަގުތެއްގައި (ޖުލައި 14) ވަނީ ނިޔާވެފައެވެ. ހ.މިރިހި, ޝަރީފް ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޝަރީފަކީ ކ.ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. ގޭޓްވޭ މޯލްޑިވްސް ކުންފުނި ވުޖޫދަށް އައީ 1994 ގައެވެ.

ޝަރީފް ނިޔާވުމާ ގުޅިގެން މީޑިއާގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ މީގެ ދެ މަސް ކުރިން އިސްލާމިކް މިނިސްޓްރީގައި ޝަރީފާއެކު ފުރަތަމަ ފަހަރަށް ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭ ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ.

އެގޮތުން އަމިއްލަ ޚަރަދުގައި މާލޭގެ އިބްރާހީމީ މިސްކިތް އަލުން ބޮޑުކޮށް, ގުއްބު ލައިފައި ހެދުމަށް ޝަރީފް ހުށަހެޅުއްވި ކަމަށާއި އެ ޕްރޮޕޯސަލަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި އިތުރު މިސްކިތްތައް ގާއިމުކުރުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް އެދިވަޑައިގަތުމުން, އެކަމަށް އެހީތެރިވެދެއްވާނެ ކަމަށް ޝަރީފް ވިދާޅުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

''އެއްސެވީ ކިހާވަރެއްތޯ ބޭނުންވަނީ. އަޅުގަނޑުމެން މިސްކިތް އެޅޭނެ އަދަދު ދެންނެވީމަ ވަގުތުން ވަގުތަށް އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި'' މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހާދަ ދީލަތި މީހުން އުޅެއޭ, އެ ދުވަހު ''އަޅުގަނޑު ހިތަށް އެރި'' ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަރީފް ފާހަގަކުރެވުނީ ވަރަށް ދީލަތި, ވަރަށް ޚުލްގު ހެޔޮ ބޭފުޅެއްގެ ގޮތުގައިކަން ޑރ.ޝަހީމްގެ ޕޯސްޓުގައި ފާހަގަކުރައްވައިފައިވެއެވެ.

''އެއީ ޝަރީފް އަޅުގަނޑަށް އަލަށް ބައްދަލުވި ދުވަސް. އެ ދުވަހު ޝަރީފްގެ ފަރާތުން ފެނުނު އަޚުލާގާއި ދީލަތިކަމުގެ ސަބަބުން އެވާހަކަ ޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދަށް ގުޅައި ވެސް ދެންނެވިން. އިސްލާމީ ކަންތައްތަކާބެހޭ މަޖިލިސްގެ ނައިބު ރައީސް ޝައިޚް ފާރޫޤަކީ ޝަރީފްގެ އަޚެއް.''

މިނިސްޓަރުގެ ޕޯސްޓު ނިންމަވައިލައްވަމުން ވަނީ, ޝަރީފަށް ހެޔޮ ޖަޒާ ދެއްވުމަށާއި އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވުން އެދި ދުއާ ދަންނަވައިފައެވެ.

ޝަރީފް ނިޔާވީ އުމުރުން 64 އަހަރުގައެވެ. މަރްހޫމުގެ މައްޗަށް ކަށުނަމާދު ކުރެވުނީ ރޭގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ވަޅުލައިފައިވަނީ ގަލޮޅު ސަހަރާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް