ރައީސް ޞާލިހު ކޮޅުފުށީގެ 3 މަޝްރޫއުއެއް އިފްތިތާހު ކޮށްދެއްވައިފި

މުލަކަތޮޅު ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވާފައި ވަނީ...

15 Jul 2023 | 08:38

މުލަކަތޮޅު ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވާފައި ވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ މ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުންފާހަގަކުރުމާއި އެރަށުގެ ފެނުގެ ނިޒާމު ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ.

ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ  ގްރީން ފަންޑުން ޚަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓެއް ޤާއިމުކުރުމުގެ އިތުރުން ދެ ބްރޭކްވޯޓަރ ޤާއިމްކޮށް އިރު ދެކުނު ފަރާތުން ގިރާ ސަރަޙައްދަށް ވެލިއެޅުމާއި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށްފައިވެއެވެ.

ކޮޅުފުށީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެސްއެމްސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޑެޓުންނެވެ.

ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް