ޕީޕީއެމުން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ: އަދުރޭ

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އަދުރޭ މިހެން ވިދާޅުވީ ...

15 Jul 2023 | 08:24

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ރޭ އިދިކޮޅުން ރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ރެލީގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ އެ ޕާޓީގެ މެންބަރުން މާޔޫސްވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށް ރައްޔިތުންނަށް ޔަގިންކަން ދެއްވައި، އެ ވާހަކަ އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

"ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެކަން ދެމި އޮންނާނީ އެގޮތަށް. އެހެންވެ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމަށް ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލަން." އަދުރޭ ވިދާޅުވިއެވެ.

އޭނާ ވަނީ މި ސަރުކާރުގެ ގޯސްތައް ބުނެދީ، ޔާމީން ވެރިކަމަށް ގެނައުމަށް ކެރިގެން ނުކުތުމަށް ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މި ސަރުކާރުގެ ވައްކަންތަކާއި ކޮރަޕްޝަންތަކުގެ ވާހަކަ ހުއްޓުވުމެއް ނެތި ދައްކަން ޖެހޭ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ރެލީގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ބަލިކުރާނެ ފޯމިއުލާ ޕީޕީއެމްގައި އެބަ އޮތް ކަމަށެވެ. އަދި އެގޮތުގެ މަތިން މި ސަރުކާރު އިންތިހާބުގައި ބޮޑު ތަނުން ބަލި ކުރާނެ ކަމަށެވެ.

މިގޮތަށް މި ދެބޭފުޅުން ވިދާޅުވިއިރު، މަޖިލީހުގެ ރައީސް ނަޝީދުގެ ޕާޓީ، "ދަ ޑިމޮކްރެޓްސް"އާ އެކު ޕީޕީއެމް ގެންދިޔައީ މަޝްވަރާތަކެއް ކުރަމުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް އަދުރޭ މިރޭ ވެސް ވިދާޅުވި ނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެ ޖަލުގައި ހުރުމުގެ ސަބަބުން މި ވަގުތަށް އެމަނިކުފާނުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ.

އެމަނިކުފާނަށް އަންނަ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވީ ހައި ކޯޓުން ސަލާމަތްވެއްޖެނަމަ އެވެ. އެ މައްސަލާގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔަ ނަމަވެސް، އިންތިހާބަށް ފުރުސަތު އޮއްވައި ނިމޭނެ ކަމަކަށް ނުބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް