ޔާމީނުގެ ވެރިކަމުގައި ފުލުހުންގެ ތެރޭގައިވެސް އޮތީ ބާރާއި ނުފޫޒު: ރައީސް ޞާލިހު

ކުރީގެ ރައީސް އަބްފުﷲ ޔާމީނުގެ ވެރިކަމުގައި ފުލުހުންގެ ތެރޭގައިވެސް އޮތީ ބާރާއި ނުފޫޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރ...

15 Jul 2023 | 06:24

ކުރީގެ ރައީސް އަބްފުﷲ ޔާމީނުގެ ވެރިކަމުގައި ފުލުހުންގެ ތެރޭގައިވެސް އޮތީ ބާރާއި ނުފޫޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނު މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މ. ކޮޅުފުއްޓަށް ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ 2013ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އޮތް ވެރިކަމުގައި މަސައްކަތް ކޮށްފައި ވަނީ ބާދީ ބޮޑު ރައްރަށަށް ތަރައްގީ ގެނައުން ކަމަށެވެ.

ނަމަވެސް ކޮންމެ ރައްޔިތަކީ އަސާސީ ހިދުމަތް ލިބެންޖެހޭ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައީށް ޔާމީނުގެ ވެރިކަމުގައި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު އެނގޭ ކަމަށާއި އެކަންކަން ހަނދާނަށް ގެންނަންވެސް ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އޭގެ ހެއްކެއްގެ ގޮތުން ރައީސް ވިދާޅުވީ، އެ ދައުރުގައި ފަސް ޕޮލިސް ކޮމިޝަނަރުން ބަދަލުކުރި ކަމަށެވެ. ސިޔާސީ ބާރާއި ނުފޫޒު ފުލުހުންގެ ތެރޭގައި އޮތް މިންވަރު އެކަމުންވެސް ހާމަވާ ކަމަށާއި، އެހެންކަމުން ތަނެއް ހިނގާނީ ކިހިނެތްތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮޅުފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވައިލެއްވިއެވެ.

އެގޮތުން ސުނާމީއާއެކު ލިބުނު ގެއްލުމާއެކުވެސް ކޮޅުފުށީގެ ރައްޔިތުން ބޭނުންވީ ރަށް ތަރައްގީކޮށް ރަށުގައި އުޅުމަށް ކަމަށް ވާތީ، އާބާދީ ކުޑަޔަސް ބޭނުންވާ އަސާސީ ހިދުމަތްތައް އެރަށަށްވެސް ލިބޭނެ ގޮތް ހައްދަވައިދެއްވަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

މި ދައުރުގައި ކޮޅުފުށީ ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯމް ނިމި، ފެނުގެ ނިޒާމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ފުރަތަމަ ފޭސް ނިންމާލެވިފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދައުރުގައި އިތުރު ތޮށި ޖަހައި މުޅި ރަށް ހިމާޔަތް ކޮށްދޭނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދާ 100 ހައުސިން ޔުނިޓަށް އިތުރު50 ޔުނިޓް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް