ރަށްވެހި ޗެލެންޖްގެ ޗެމްޕިއަންކަން ނިލަންދޫ ޔަންގް ޖެނެރޭޝަން ހޯދައިފި

ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ޗެމްޕިއަންކަން ނިލަންދޫ ޔަންގް ޖެނެރޭޝަން އިން ހޯދައިފިއެވެ. އެން.ވައި.ޖީ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި...

15 Jul 2022 | 18:34

ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ޗެމްޕިއަންކަން ނިލަންދޫ ޔަންގް ޖެނެރޭޝަން އިން ހޯދައިފިއެވެ.

އެން.ވައި.ޖީ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި ސްޕޯރޓްސް ކަލްބު ފަހުލަވާނާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ.

ގިނަ ޢަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު ފައިނަލް މެޗްގައި މެޗް ފެށުމާއެކު އެންވައިޖީ އަށްވުރެ ފަހުލަވާނުގެ ކުޅުން ރަނގަޅުކަން ފާހަގަ ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ފަހުލަވާނުގެ ނާފިޢުއާއި ޢާދިލް ޖެހި ގޯލްތަކާއެކު ދެ ލަނޑުގެ ލީޑެއް ފަހުލަވާނުން ނެގިއެވެ.

ނަމަވެސް އެންވައިޖީން މެޗްތެރެއަށް ވަދެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އައިހަމް އާއި ޢަބްދުލް ޖަލީލުގެ ގޯލްތަކާއެކު އެއްވަރުކުރިއެވެ.

ދެވަނަ ހާފުގައި ކުރީ ހާފެކޭ އެއްގޮތަށް ފަހުލަވާނު ކުރިއަށްޖެހި ރިލްވާން އާއި ޢާދިލްގެ ގޯލް ތަކާއެކު ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޢަބްދުލް ޢަޒީޒު އާއި އައިހަމްގެ ދެ ގޯލާއެކު 4 ލަނޑު 4 ލަނޑުން މެޗް އެއްވަރު ކުރިއެވެ.

މެޗް އެއްވަރުވުމުން ޕެނަލްޓީގައި ދެ ޓީމުގެވެސް ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. ފަހުލަވާނުން ފުރަތަމަ ތިން ޕެނަލްޓީ ޖެހީ ނާފިޢުއާއި ނަބީލްއާއި ޢާދިލްއެވެ. އެންވައިޖީގެ ތިން ޕެނަލްޓީ ޖެހީ އަޒީޒުއާއި އައިހަމްއާއި ހާޝިމްއެވެ. ނަތީޖާ ނެރުމަށް އެންވައިޖީން ސައްދާމުގެ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް ފަހުލަވާނުން މޫސާ ޖަމާލް ޖެހި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

މެޗް ނިމުމާއެކު ވަނަވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށްވަނީ ޓްރޮފީއާއި މެޑަލް ޙަވާލުކޮށްފައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންވައިޖީގެ އަޙުމަދު އައިހަމްއެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަކީ އެސްޖީސީގެ ހުޒެއިލްއާއި އެޓީމުގެ އަޙުމަދު ޙަލީމު އާއި އެންވައިޖީގެ ޢަބްދުލް ޢަޒީޒުއާއި ފަހުލަވާނުގެ މުޙައްމަދު ނާފިޢުގެ އިތުރުން އަޙުމަދު ނަބީލެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކީ ބިލެތްދޫ ކަނބުލޮ އެސްސީގެ ކޯޗް ޢަލީ ޔާސީންއެވެ.

އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޖުވެނައިލްގެ މޫސާ މާހިލްއެވެ. 12 ގޯލާއެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އެންވައިޖީގެ ޢަބްދުލް ޢަޒީޒުއެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ ބިލެތްދޫ ކަނބުލޮ އެސްސީއެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ނަބީލް އެވެ.

ޗެމްޕިއަންޓީމަށް ރަށްވެހި ގްރޫޕުން ހުށަހަޅާފައިވާ ޓްރޮފީއާއި ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމާއި ރަންމެޑަލް ޙަވާލުކޮށްދިނީ ޝަރަފްވެރި މެހެމާނު ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީއެވެ. ރަނަރަޕް ޓީމަށް ޢިނާމު ޙަވާލުކޮށްދެއްވީ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު ނާޒިމްއެވެ.

އެހެނިހެން މަޤާމުތަކަށް ޢިނާމުތައް ޙަވާލުކޮށްދެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުޙުސިން ޙަމީދު އާއި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަޙުމަދު މުޖުތަބާ އަދި ގްލޯބަލް ޓެލެންޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ރަޝީދެވެ.

މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި މިއަހަރު ތެރޭގައި ފ. އަތޮޅަށް ހުޅުވާލައިގެން 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ރަށްވެހި ގްރޫޕުން ވަނީ އިޢުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް