ޖެޓް ފިއުލްގެ އައު ޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށާއި ބޯޓުތަކަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ޖެޓް ފިއުލް ރީޓެސްޓްކުރުމަށް މީގެކުރިން ފޮނުވަންޖެހެނީ ދުބާއީއަށްނަމަވެސް މިހާރު ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް ކޮލެޓީ ދެނެގަނެވޭނެ ލެބެއް އެސްޓީއޯއިން ހުޅުވާފައިވާތީ މި ޝިޕްމަންޓް ބޯޓުތަކަށް ދޫކުރަން ފެށޭ ދުވަސް ކުރިއަށްވުރެ އަވަސްވާނެކަމަށެވެ.
އަވަށްޓެރި ސްރީލަންކާގެ މާހައުލު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އެގައުމުން ތެޔޮ ނުލިބޭތީ ރާއްޖެއަށް ޖެޓް ފިއުލް އަޅަން އަންނަ ބޯޓުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންވެ، އެމްއޭސީއެލްއިން ބޯޓުތަކަށް ތެޔޮ ދޫކުރަމުން ދަނީ ލިމިޓްކޮށްގެންނެވެ.
އެހެންނަމަވެސް އަލަށް ލިބުނު ތެޔޮ ޝިޕްމަންޓާއިއެކު ބޯޓުތަކަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ފިއުލް ފާމެއް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރަމުން އަންނައިރު، މިތަން މިއަހަރު ނިންމައި ބޭނުންކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް