އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެޅީ ކޮން ފިޔަވަޅެއްތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް އެޑިޔުކޭޝަން މިނިސްޓްރީން ޖަވާބެއް ނުދެއްވިއެވެ،
އޭގެ ބަދަލުގައި އޭނާ ދިފާއުކުރާ މޭރުމަކުން އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އިސްމާއިލް ނަސީރާ ދެކޮޅަށް ބޮޑު ތުހުމަތުތަކަކާ އެކު ތެދުވީ އެތަނުގެ ހަ ލީޑިން ޓީޗަރުންނެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީއަށް ވެސް އެ މައްސަލަ ހުށަހެޅި އެވެ.
އެޑިޔުކޭޝަނުން ވަނީ ތުހުމަތުކުރި ޓީޗަރުންނާ ވަކިން އިންޓަވިއުކޮށް ބަޔާން ނަގައި 19 ސޮފްހާގެ ރިޕޯޓެއް އެކުލަވާލައިފަ އެވެ. ޒާތީ މައުލޫމާތު އުނިކޮށްގެން ވިޔަސް އެ ރިޕޯޓު ނޫސްވެރިންނާ ހިއްސާކުރުމަށް އެދުމުން ވެސް މިނިސްޓްރީން އެ ރިޕޯޓް ހިއްސާކޮށްފައި ނުވެއެވެ.
އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނީ ޓީޗާސް އެސޯސިއޭޝަނާއި ލޯޔަރުން ދައްކާފައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެޑިޔުކޭޝަންގެ ބަޔާނުގައި ބުނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ މިކުރީކޮޅުގައި އިއްޒުއްދީން ސްކޫލްގެ ހަތަރު ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށް ކަމަށެވެ.
ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބަޔާނުގައި ބުނީ، 6 މުދައްރިސަކަށް، އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތު ކުރެވިގެން މައްސަލަ ތަހްގީގުކޮށް އަދި މައްސަލަ ސާބިތުވާ ކަމަށް ވެސް ނިންމާފައިވާ ޕްރިންސިޕަލަށް އެޑިއުކޭޝަން މިނިސްޓްރީން ޕްރޮމޯޝަން ދީފައިވާ ކަމަށެވެ.
ބަޔާނުގައި ބުނީ އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، ޓީޗާސް އެސޯސިއެޝާންގެ މެންބަރުންކަމުގައިވާ، 6 މުދައްރިސަކަށް، އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށައެޅުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން މިމައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވެފައި ވަނިކޮށް، މިއަމަލު ހިންގި ފަރާތައް އެއްވެސް ފިޔަވަޅުއެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަންއަކާޢިއެކު އެހެން ސްކޫލްއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުންނަވައި އޭނާގެ ދަށުން މަސައްކަތް ކުރާ މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން، ސާބިތުވެފައިވާ ހިނދު، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޢަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން މަސަކަތްކުރަމުންދާދިއުން ޓީޗާސް އެސޯސިއޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެޖަމިއްޔާ އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް