“އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ” ގެ އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފި

19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ “އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ” ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފި އެވެ. ސްޓެލްކޯއިން ބުނީ، މި އެވޯޑް މުޣުނ...

15 Jul 2021 | 11:20

19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ “އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ” ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފި އެވެ.

ސްޓެލްކޯއިން ބުނީ، މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގައި ފާހަގަކުރެވޭތީ ކަމަށާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ މުޣުނީ ހަވާލުވެވަޑައިގެން ފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުމާއި، ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ކުންފުނި ދީލައިލުމަށް މުޣުނީގެ ލީޑަރޝިޕްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްސް ވިއްކުމާއި، މުޣުނީގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ތައާރަފްކޮށްފައިވާ މުޅިން އައު އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕްއާއި، ދިވެހި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިންގ ސޯލާ ޕޮޑް ހިމެނެ އެވެ.

ހަމަމިއާއެކު ތިމާވެށި ފެހި ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވާފައިވާ، ރަށްފެހި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ހަމަ އެކަނި ކުންފުންޏަށް ސްޓެލްކޯވުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި، ރާއްޖެ ލޮކްޑައުންއަކާ ދިމާލަށް ގޮސްދާނެކަމަށްބަލައި، ދުރާލާ އެކަމަށް ތައްޔާރުވެ، ބަލީގެ އެކި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް، ކުންފުނީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް މުޣުނީގެ އިރުޝާދުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާވުން ވެސް ހިމެނޭ ކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަށް މުޣުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިންގ ލީޑަރ އޮފް ދި އިޔަރގެ އެވޯޑްވެސް މުޣުނީއަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް