އައްޑޫ މަރަދޫފޭދޫ އާއި މަރަދޫގައި ކޭސްތައް އިތުރު ވަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫ އާއި މަރަދޫފޭދޫގައި ކޯވިޑް-19 ކޭސްތަކެއް އިތުރު ވަމުން އެބަދެ އެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަފާސް ހިސާބު ދައްކާގޮތުން ކުރިން އެންމެ...

15 Jul 2021 | 05:22

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫ އާއި މަރަދޫފޭދޫގައި ކޯވިޑް-19 ކޭސްތަކެއް އިތުރު ވަމުން އެބަދެ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަފާސް ހިސާބު ދައްކާގޮތުން ކުރިން އެންމެ ގިނަ ކޭސްތައް ފެންނަމުން ދިޔައީ ހިތަދޫއިންނެވެ. އެކަމަކު މިހާރު މަދުން ނަމަވެސް މީހުން ޕޮސިޓިވް ވަމުން ދަނީ މަރަދޫ އާއި މަރަދޫފޭދޫ އިންނެވެ.

އެގޮތުން އިއްޔެ އައްޑޫއިން ޕޮސިޓިވްވެފައިވާ މީހަކީ މަރަދޫއިން ޕޮސިޓިވްވި މީހެކެވެ. އޭގެ ކުރީ ދުވަހު މަރަދޫއިން ހަތަރު މީހުން، މަރަދޫފޭދޫން ދެ މީހުން އަދި ހިތަދޫއިން މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހަށް ބަލާއިރު ބަލި ޖެހިފައިވަނީ މަރަދޫ ފޭދޫން މީހަކަށެވެ. މިއާއި އެކު މަރަދޫގައި ކޯވިޑަށް ޕޮސިޓިވް މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 19 އަށް އިތުރުވެފައި އެވެ. އަދި މަރަދޫފޭދޫގައި މިިހާރު ޕޮސިޓިވް ތިން މީހުން އެބަތިއްބެވެ.

އަދި އެންމެ ހަލުވިކަމާއި އެކު އެ ސިޓީގައި ކޯވިޑް ފެތުރު ހިތަދޫގައި މިވަގުތު 45 ޕޮސިޓިވް ކޭސް އެބަހުއްޓެވެ. އެކަމަކު އެ ރަށުން މިހާޜު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޯވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ދެމީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. ބަލި ޖެހިގެން ދެ މީހަކު މަރުވެފައި އެވެ.

އައްޑޫގައި މިވަގުތު މޮނިޓަރިންގައި އޮތީ ގުޅިފައިވާ ރަށްތަށް އެކަންޏެވެ. އެ ރަށްތަކުގައިވެސް ކާފިއު ހިންގުން ވަނީ ހުއްޓާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް