މިދިޔަ މަހުގެ 17 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ވިހޭ އެއްމާބަނޑު ހަތަރު ކުދިންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ސިޒޭރިއަން ހަދައިގެން ނެގި ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބުނީ ފާތުމަތު ސުމީތާ، 27، އަށާއި އަހުމަދު އަޝްފާގު 29، އެވެ. މިއީ، އެ ދެމަފިރިންގެ އަލަތު ދަރިންނެވެ.
އޭޑީކޭ ހޮސްޕިޓަލުން ވަނީ އެ ކުދިން އާންމު ބަރުދަނަށް ގެނައުމުގައި މަހެއްހާ ދުވަސް ވަންދެން ބުރަ މަސައްކަތްތަކެއް ކޮށްފައި އެވެ. އަދި އެ ހޮސްޕިޓަލުން ދެވެން ހުރި އެންމެ ރަނގަޅު ފަރުވާ ޒަމާނީ ވަސީލަތްތަކާއި އެކު ދީފަވެ އެވެ.
ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މީޑިއާގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލީ ކުދިންގެ ހާލު ރަނގަޅުވެ އެއްވެސް ނުރައްކަލަކާއި ދިމާނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު އެވެ. އަދި މައިމީހާގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހަތަރު ކުދިން ހޮސްޕިޓަލުން ދޫކޮށްލި އިރު އެކަމުގެ ހިތްހަމަ ޖެހުމާއި ހިނިތުންވުން އެންމެ ބޮޑަށް ލިބިފައިވަނީ ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން ނަށެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ އެ ދެމަފިރިންނާއި ކުދިންނާއި އެކުމުވައްޒަފުން ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި އެ ކުދިންނާއި މައިމީއާއަށް ފަރުވާ ދިން ހުރިހާ މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެ ހޮސްޕިޓަލުން ވަނީ އެ ކުދިންނަށް ފަރުވާދިން ހޮސްޕިޓަލްގެ ޓީމަކީ ގާބިލް ޓީމެއްކަން ފާހަގަކޮށް އެ މީހުން ކުރި ބުރަ މަސައްކަތް ފާހަގަ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް