ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދޭން ބޭނުންވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމުން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނަޒިމްގެ އާއިލާއިން އެދެފި އެވެ.
ނާޒިމްގެ އާއިލާގެ ފަރާތުން އަލުން އެ މައްސަލަ ބަލައި ދިނުމަށް އެދިފައިވަނީ ސުޕްރީމް ކޯޓާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެވެ. ނާޒިމްގެ އާއިލާގެ ފަރާތުން ކޮއްކޮ އާދަމް އާޒިމް މީޑިއާގައި ވިދާޅުވީ އެ މައްސަލަ އަލުން ބަލައި ދިނުމަށް އެދި މިމަހުގެ ކުރީ ކޮޅު އެ އިދާރާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
އަދީބު މިދިޔަ މަހު ފަހުކޮޅު އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ވަޒަނުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެ އެއްޗިއްސަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި އެ ފިސްތޯލަ އާއި ވަޒަން ކޮޓަރިއަށް ދިޔަ ގޮތް ނާޒިމްއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދީބު ވަނީ އެކަމުގެ ހަގީގަތް ސާފުކޮށް ކިޔައިދޭން ބޭނުންވާ ކަމަށް ސިޓީގައި ވިދާޅުވެފައި އެވެ.
އަދީބުގެ އެސިޓީއާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ޖާއިޒު ކަމެއް އޮތްކަމަށް ކާނަލް ނާޒިމްގެ ވަކީލުންނަށް ގަބޫލު ކުރެވޭ ނަމަ ނާޒިމްގެ މައްސަލަ އަލުން ހުޅުވައިދޭތޯ ސުޕްރީމް ކޯޓަށް އެބޭފުޅުންނަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް