ހޮސްޕިޓަލްގެ އަޅާލުމެއްނެތި އަންހެނަކު ވިހެއިކަމަށް ބުނާ ހަބަރު ހެލްތުން ދޮގުކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގައި މާބަނޑު އަންހެނަކު ހޮސްޕިޓަލްގެ އަޅާމުލެއްނެތި ވިހޭކަމަށްބުނެ މީޑިއާގައި ހަބަރު ފަތުރާފައިވާއިރު ހެލްތު މިނިސްޓްރީން އެކަން ދޮގުކޮށްފި އެވެ. މިކަމާއި ގުޅިގެން މިނިސްޓްރީން ...

15 Jul 2015 | 18:23

ފުވައްމުލަކު ހޮސްޕިޓަލުގައި މާބަނޑު އަންހެނަކު ހޮސްޕިޓަލްގެ އަޅާމުލެއްނެތި ވިހޭކަމަށްބުނެ މީޑިއާގައި ހަބަރު ފަތުރާފައިވާއިރު ހެލްތު މިނިސްޓްރީން އެކަން ދޮގުކޮށްފި އެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ 35 އަހަރުގެ އަންހެނަކު ހަތަރުވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 32 ހަފްތާގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރީ، ބަނޑުން ލޭ އައިސް ކުޑަކޮށް ބަނޑުގައި ރިއްސާތީވެ މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:40 ގައި ކަމަށެވެ.

"މިހާ ހިސާބުން އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ބެއްލުވުމާއި ލަފާގެމަތިން މާބަނޑުމީހާއަށް ދިޔައީ ފަރުވާ ދެމުން، އެގޮތުން ފަރުވާ ދެމުންގޮސް ހޯމަ ދުވަހު ހެނދުނު 10:00ގެ ފަހުން ބަޑުގެ ރިހުން ރަނގަޅުވުމާއެކު ތަދުކަނޑުވާ އިންޖެކްޝަންވަނީ ގުޅަ ބޭހަށް ބަދަލުކޮށްފަ، އަންގާރަ ދުވަހު ހެނދުނު 7:00ގައި ކުއްލިގޮތަކަށް ބަނޑުގައި ރިއްސާން ފެށިވަގުތުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ގުޅައިގެން އިންޖެކްޝަނާއި އައިވީ ފެށި، ވިހެއީ ލޭބާ ރޫމްގަ" މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ވިހެއި ދަރިފުޅަކީ ދުވަސްނުފުރާ ވިހެއި ކުއްޖަކަށްވުމުގެ އިތުރުނ ދަރިފުޅުގެ ބަރުދަނުގައި ހުރީ 1.5 ކިލޯގްރާމް ކަމަށެވެ. އަދި މިހާ ތުއްތު ކުއްޖަކަށް ހާއްސަ އިތުރު ފަރުވާ ބޭނުންވާތީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިން އަންގާރަ ދުވަހުގެރޭ 22:35ގައި އައިޖީއެމްއަށް ފޮނުވާލީކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަމާއި ގުޅިގެން ބައެއް މީޑިއާތަކުން ކަންތައް ހިނގާދިޔަގޮތާ ހިލާފަށް ހަބަރާއި މައުލޫމާތު ފަތުރަމުންދާތީ މިކަމަކީ ހޮސްޕިޓަލުންދެވޭ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ކަމަކަށްވާތީވެ، މިނިސްޓްރީގެ ފަރާތުން ކަންބޮޑުވާ ކަމަށެވެ.

މި ހަބަރު ބައެއް ނޫސްތަކުގައި ގެނެސްދީފައިވާއިރު ބުނެފައިވަނީ އެ އަންހެންމީހާ ވިހެއީ ޑޮކްޓަރެއްގެ އެހީއެއްނެތި ހަރުވާޅު ތެރެއަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް