އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ބީޖީ ސްޕޯޓްސް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ބީޖީ ކުރި ހޯދީ 3-1 ލަނޑުންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ބީޖީއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ ހަތްވަނަ މިނެޓްގައެވެ. އަބްދުﷲ މުއާޒް (އޮޓޯ) ދިން ރީތި ބޯޅައަކުން މި ގޯލް ބީޖީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވާޑް އެސްކޮބެޑޯ ކާމޯނާ މަނުއެލް ޑޭވިޑްއެވެ.
ބީޖީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރި، މެޗުގެ 66 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އިބްރާހިމް ހަމްދާން (މެސީ) ދިން ބޯޅައަކުން މި ގޯލްވެސް ކާމިޔާބުކޮށްދިނީ ބީޖީގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޑޭވިޑްއެވެ.
މެޗުގެ 83 ވަނަ މިނެޓްގައި ވެލެންސިޔާގެ ބިދޭސީ ފޯވާޑް އަވީލޯ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް، މާގިނައިރުތަކެއް ނުވަނީސް ބީޖީއިން އަލުން ލީޑު ފުޅާކުރި އެވެ. މި ލަނޑު ބީޖީއަށް ކާމިޔާބުކޮށްދިނީ މެސީ އެވެ. އޭނާ މި ގޯލްޖެހީ، ހާފް މެދެއްހާ ހިސާބެއްގައި ހުރެ ކުރިއަށް ފޮނުވާލި ހަމަލާއަކުންނެވެ.
މި މޮޅާއެކު، ބީޖީ އޮތީ 8 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ. މި މެޗުން ބަލިވި ވެލެންސިޔާ އޮތީ 4 ޕޮއިންޓާއެކީ ލީގުގެ 7 ވަނައިގައެވެ.
ލީގުގެ މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިރޭ 10:00 ގައި ފަށާ މިމެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް