ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދިވެހި ސިފައިންގެ ކުލަބުން އިންތިޒާމުކޮށްގެން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ދިވެހި އަސްކަރިއްޔާގެ ތިންވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބައްވައިފިއެވެ.
ޖުލައި މަހުގެ 11 އިން 12 އަށް ބޭއްވި މިމުބާރާތް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފެވެ.
ޖުމުލަ 101 ފަރާތަކުން ބައިވެރިވި މިމުބާރާތުގައި ފަސް ކެޓަގަރީއަކުން ބައިވެރިން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި 8 އަހަރުން ދަށް، 12 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތި ހިމެނެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުންވެސް ހިތުން ކިޔެވުމުގެ ބަޔާއި، ބަލައިގެން ކިޔެވުމުގެ ބައި ހިމެނިފައި ވެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާފައިވެއެވެ. އަދި މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާފައިވެއެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ އައިޝަތު ސަމާޢީލް ޙުސައިނެވެ. އަދި މުޅި މުބާރާތުން ދެ ވަނަ ފާޠިމަތު ރަޒާ އަސްލަމް ހޯދާފައިވާއިރު މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ އައިޝަތު އަފާ އަސްލަމެވެ.
މިމުބާރާތުގައި ބައިވެރިވާ ސިފައިންގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް ސިސިލްފަރު ޙައްޖު އުމްރާ ޤުރޫޕުން ދެއްވާ ޢުމްރާ ދަތުރު ލިބިފައިވަނީ މުބާރާތުގައި ބައިވެރިވި ސިފައިންގެ ތެރެއިން އެއްވަނައަށް ހޮވިފައިވާ ސްޓާފް ސާރޖަންޓް ރަމްޒިއްޔާ ޢަބްދުﷲ އެވެ.
މިމުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެޝަރަފުވެރި މެހެމާނު ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފާއި ދިވެހި ސިފައިން ކުލަބުގެ ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ސިފައިންނާއި، ސިފައިންގެ ޢާއިލާތަކުންނާއި އަދި ކުޑަކުދިންގެ ހިޔާގެ ދަރިވަރުން ބައިވެރިވިއެވެ.
މިމުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވާފައިވަނީ އަލްޤާރީ މޫސާ އަޙްމަދާއި އަލްޤާރީ ޢަލީ ފަޔާޒާއި އަލްޙާފިޒް އިބްރާހީމް ރަމްޒީއެވެ.
މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ފަނޑިޔާރުންކަންކޮށްދެއްވި ފަނޑިޔާރުންނާއި ކުޑަކުދިންގެ ހިޔާގެ އިސްވެރިންނާއި ދަރިވަރުންގެ އިތުރުން މުބާރާތުގައި ބައިވެރިވި ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް