ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ބ.ކަމަދޫ ކައުންސިލްގެ ރައީސް މަގާމުން ދުރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން ޒަރީރު ވިދާޅުވީ ކައުންސިލްގެ ރައީސް އަހުމަދު ސަމީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެ ކައުންސިލުން މިއަދު ނެގީ، ހެނދުނު 11:00 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
"ގާނޫނުގައި ވާގޮތުގެ މަތީން ދޭންޖެހޭ ފުރުސަތުތައް ދިނުމަށްފަހު ވޯޓަކަށް އެހީ، ފާސްވީ ތިން މެމްބަރުންގެ އަގުލަބިއްޔަތުން" ޒަރީރު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގީ ކަންކަމުގައި އިހުމާލުވާތީއާއި ޒިންމާ އަދާ ނުކުރެވޭތީ ކަމަށާއި މިއަދު ނެގި ވޯޓުގެ ތަފްސީލް އެލްޖީއޭއަށް ފޮނުވާފައިވާނެކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.
މަގާމުން ދުރުކޮށްފައިވާ ސަމީރަކީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރެކެވެ. އެ ކައުންސިލްގައި ދެން ތިއްބަވަނީ އެމްޑީޕީ ތިން މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް