މަސްތުވާ ތަކެތީގެ މުޢާމަލާތާއި ވިޔަފާރި ހުއްޓުވައި މަސްތުވާ ތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ރާއްޖެ ގެނެސް ރާއްޖޭގައި ބޭނުންކުރަމުންދާ ފާރަ އަށް ބޭނުންވާ ވެޓިނަރީ ޚިދުމަތް ފޯރުކޮށްދިނުމާއި ފާރަ ބޭނުން ކޮށްގެން ހިންގާ އޮޕަރޭޝަންތަކުގައި އެހީތެރި ވެދިނުމާބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބް އިބްރާހީމް ޝަރީފްއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބް އެވެ.
ފުލުހުން ހާމަ ކުރެއްވި ގޮތުގައި މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބޭނުންކުރާ ފާރަ ފުރިހަމަ ޞިއްޙަތެއްގައި ބޭތިއްބުމަށް ބޭނުންވާ ވެޓިނަރީ ޚިދުމަތް މިނިސްޓްރީން ފުލުހުންނަށް ފޯރުކޮށްދެމުންދާނެކަމަށެވެ. މީގެ އިތުރުން މަހަކު އެއްފަހަރު ފާރަ ތަކުގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ބޭނުންވާ ތަޙުލީލުތައް ކުރުމާއި ކަމާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުން ވެސް މިއެއްބަސްވުމުގައި ހިމެނޭކަމަށެވެ.
އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން މިކަމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފާރަ ގެމައިގައި ހިމެނޭ ފުލުހުންނަށް ދިނުމާ ފާރައަށް ވެޓިނަރީ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެހީތެރިވުމުގެ އިތުރުން ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި ފިޝަރީޒް މިނިސްޓްރީން ވެދެވެން އޮތް އެހީތެރިކަން ދިނުންވެސް ހިމެނޭކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ކަމާގުޅޭ މުވައްޒަފުންނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑާއި އެހެނިހެން މުވައްޒަފުން ބައިވެރި ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް